ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވި ލަސްވަނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނުލިބޭތީ ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އެ މަނިކުފާނުގެ ވަކީލުން އޭރު ވިދާޅުވި ނަމަވެސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅާފައިނުވާކަން ހައިކޯޓުން އާންމުކުރާ، އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީން އެނގެއެވެ. ހުކުމް އިސްތިއުނާފް ކުރަން 60 ދުވަސް ލިބޭނެ އެވެ.
ވަކީލް އަބްދުﷲ ޝިޔާޒް މިއަދަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް، މަހްލޮރު ބަޔާންތަކާއެކު ހޯދުމަށް 25 ޑިސެމްބަރު 2022 ގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ ރިޕޯޓް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
"އިސްތިއުނާފުގެ އެއް މަސްދަރަކަށްވާނީ، ދެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަހްލޮރު ބަޔާންތަކެވެ." ޝިޔާޒް ވިދާޅުވިއެވެ.
ގއ. ވޮޑަމުލާގެ މައްސަލައިގައިވެސް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ ހުކުމް ކުރުމާއެކު ދެ ދުވަސް ތެރޭގައި ހުކުމް އިސްތިއުނާފު ކުރިއެވެ. އެ އިސްތިއުނާފް ހައިކޯޓުން ނިމުނީ 1 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު