ކުރިއަށްދާނީ މުޅި އެމްޑީޕީ އާއި ތަފާތު އެހެން ފިކުރުގެ މީހުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުންނާ ވެސް އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ބ. އޭދަފުޢްޓަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވިއްޖެ ކަމަށާއި އެ މަސައްކަތްތައް ނުހުއްޓު ކުރިއަށް ގެންދަން އެމްޑީޕީ ވެރިކަމުގައި އޮތުން މުހިންމު ކަމަށެވެ.

ރައީސް ވަނީ މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ގަނޑުކޮށް ވޯޓު އަޅައި، އެމަނިކުފާނު ހޮވައިދެއްވުމަށް އެމްޑީޕީގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ޕްރައިމަރީއަކީ އެތެރޭގެ އިންތިހާބެއް ކަމަށާއި ޕްރައިމަރީ ނިމުމުން ބަޔަކު ދުރުގައި ތިއްބަސް އެމަނިކުފާނު ކުރިއަށްދާނީ މުޅި ޕާޓީއާއެކުގައި ކަމަށެވެ.

"އަދި އެމްޑީޕީގެ އެންމެނާއެކީގައްޔާއި އަދި ތަފާތު އެހެން ފިކުރާ އަދި ވަކި ޕާޓީއަކަށް ނުޖެހި ތިބި އެތައް ބައެއް ރާއްޖޭގައި އެބަތިބި. ގައުމު ތަރައްގީ ކުރުމަށް ބޭނުންވާ، އެހުރިހާ ބޭފުޅުންގެ ހިޔާލާއި ވިސްނުމާއެކުގައި އެހުރިހާ ފަރާތްތައްވެސް ގޮވައިގެން އަޅުގަނޑު ކުރިއަށްދާނީ" ރައީސް ވިދާޅުވިއެވެ.

ރައީސް މީގެ ކުރިންވެސް ވަނީ ޕްރައިމަރީ ނިމުމުން އެމްޑީޕީއާއެކުގައި ކުރިއަށްވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކެމްޕެއިން ކުރާއިރު، ޕްރައިމަރީ ނިމުމުންވެސް އެކުގައި ކުރިއަށް ދެވޭނެ ގޮތަކަށް ކެމްޕެއިން ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާއިރު، އަނެއްކޮޅުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.