ޚަބަރު

އޭދަފުށީގައި ހައުސިން މަޝްރޫއަކާއި އިތުރު ބަނދަރެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

ބ. އޭދަފުށީގައި އާ ބަނދަރަކާއި ރަށުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ހައުސިން މަޝްރޫއެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އޭދަފުއްޓަށް ބޭނުންވާ ވަރަށް މުހިންމު ދެ ކަމެއް އެބަ އޮތް ކަމަށާއި އެއީ ރަށުގެ ހުޅަނގު ފަރާތުގައި ބަނދަރެއް ހެދުމާއި އެ ރަށުގައި ހައުސިން މަޝްރޫއެއް ހިންގުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އޭދަފުށީގައި ބަނދަރެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ. އަދި މި އަހަރުގެ ބަޖެޓުގައި ހައުސިން ޔުނިޓް ހެދުމަށް އޮންނާނެ ވަކި ރަށްތަކެއް ނުޖަހައި، އޭގެ ތެރެއިން އޭދަފުއްޓަށް ބޭނުންވާވަރު އަޅުގަނޑުމެން ބަޖެޓުގެ ތެރެއިން ހަމަޖައްސައި މި ރަށުގައި ހައުސިންގެ މަސައްކަތްތައް ފެށޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އޭދަފުށީ ހޮސްޕިޓަލް އަޕްގުރޭޑް ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށާއި އެ ރަށުގެ މަގުތައްވެސް ވަރަށް އަވަހަށް ނިންމަވައިދެއްވާނެ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.