މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީގެ ޕްރައިމަރީގެ ކެމްޕޭނަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނ.، ރ.، އަދި ބ. އަތޮޅަށް މިއަދު ދަތުރު ފައްޓަވައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ހާމަކުރި ގޮތުގައި، ތިން ދުވަހުގެ މި ދަތުރުގައި އަތޮޅު ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ މި މަހުގެ ތެރޭގައި ފުވައްމުލައް ސިޓީއަށާއި އއ.، އދ.، ފ.، އަދި ދ. އަތޮޅަށް ވަޑައިގެންފައެވެ. އަދި މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން މި މަހުގެ 13 އިން 15 އަށް ލ.، ތ.، މ.، އަދި ވ. އަތޮޅަށް ދަތުރު ފައްޓަވާނެއެވެ.

ރައީސް ނަޝީދު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ، ކެމްޕޭނަށް ވަޑައިގެންނެވި ރަށްރަށުން ބޮޑު ތަރުހީބެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ ޕްރައިމަރީ ކާމިޔާބުވުމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ގެންދަވަނީ އަތޮޅުތެރެއަށް ދަތުރުތައް ކުރައްވަމުންނެވެ. އެގޮތުން އެ މަނިކުފާނު މިވަގުތު ހުންނެވީ ބ. އަތޮޅުގައެވެ.