ނ. އަތޮޅުގެ ފަޅުތަކާއި ރަށްތައް ދިގުމުއްދަތަށް ދޫކުރުމާ ދެކޮޅަށް އެ އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް ނ. ކެނދިވަރާއި ނ. ކަނޑޫދޫ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކުރަން ނިންމާފައިވާތީ، އެކަން ހުއްޓުވައިދިނުމަށް އެދި އެ ކައުންސިލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ކެނދިވަރާއި ކަނޑޫދޫ ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ހުއްޓުވަން ނ. އަތޮޅު ކައުންސިލުން ވަނީ މިދިޔަ ޑިސެމްބަރު 20 ގައި ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު ފާސްކުރީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓާއެކުއެވެ.
އެ ގަރާރުގައިވާ ގޮތުގައި، ނ. އަތޮޅު ރައްޔިތުން ބަލަހައްޓަމުން، މުއްސަނދިކުރަމުން، ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ގުދުރަތީ ދިރޭ މުދަލުގެ މުއްސަނދިކަމުން، އާއްމު ހައްގުން ރައްޔިތުން ނިޒާމީގޮތެއްގައި ސަރުކާރުތަކުން ރާވައިގެން މަހުރޫމުކުރަމުންދާ ދިއުމަކީ އަދުލުވެރިކަމުގެ ބޭރުން ހިނގަމުންދާ ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި ރައްޔިތުންގެ ރުހުން ހޯދައިގެން މެނުވީ ދިގު މުއްދަތަކަށް ރަށްރަށާއި ފަޅު ދޫނުކުރުމަށާއި އެކަން އެގޮތަށް ކުރިޔަ ނުދިނުމަށް ގަރާރުގައިވެއެވެ.
ނ. އަތޮޅުގެ ފަޅުރަށްތަކުގެ މައްސަލަ ފެށުނީ އެ އަތޮޅު ތޮޅެންދޫ 21 އަހަރަށް ކުއްޔަށް ދޭން އުޅުމުންނެވެ. ތޮޅެންދޫ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ އެ ރަށް ދޫކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދީފައެވެ. ސިވިލް ކޯޓުގެ އެ ނިންމުމަށް ހައި ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.
ނ. ކަނޑޫދޫ އާއި ނ. ކެނދިވަރު ކުއްޔަށް ދިނުން ހުއްޓުވަން ސިވިލް ކޯޓަށް ނ. އަތޮޅު ކައުންސިލުން ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލަ ސިވިލް ކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.
ނ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި ސިންގަލް ޕާސަލްކޮން އަދި އަސާސީ ބޯހިޔާވަހި ކަމަށް ހައްލެއް ނުލިބޭގޮތަކަށް އެއްވެސް ގުދުރަތީ ވަސީލަތެއް ވިއްކުމާ އެ ކައުންސިލް ދެކޮޅު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު