މި އަހަރު ރާއްޖޭގައި ބެޑްމިންޓަންގެ ބައިނަލްއަގުވާމީ ތިން މުބާރާތެއް ބާއްވަން ތާވަލުކޮށް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ކަލަންޑަރު އިއުލާންކޮށްފިއެވެ.

މިއަދު އެ އެސޯސިއޭޝަނުން ނެރުނު ކަލަންޑަރުގައި މާޗު މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ބެޑްމިންޓަންގެ އެކިއެކި މުބާރާތްތައް ބާއްވަން ތާވަލުކޮށްފައިވެއެވެ. އެގޮތުން މާޗު މަހުގެ ތެރޭގައި އިންޓަ ސްކޫލް މުބާރާތުން ބެޑްމިންޓަންގެ ހަރަކާތްތައް ފަށައި އިރު، ޖުމުލަ 18 އިވެންޓެއް އަހަރު ތެރޭ ކުރިއަށް ގެންދާނެއެވެ.

އޭޝިއަން ގޭމްސްއާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރަން ބެޑްމިންޓަން ތާވަލުގައި ހިމަނާފައިވާ އިރު، ރާއްޖޭގައި ހޯސްޓް ކުރާ ބައިނަލްއަގުވާމީ އިވެންޓްތަކަކީ އަންނަ މެއި މަހުގެ ކުރީކޮޅު އޮންނަ މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖާއި މިދިޔަ އަހަރުވެސް ބޭއްވި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްއެވެ.

މި ފަހަރު ލިނިން މޯލްޑިވްސް ޗެލެންޖް އޮންނާނީ ޖޫން މަހުގައެވެ. އޭގެ ފަހުން އޮގަސްޓް މަހު, މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް ކުރިއަށް ގެންދަން ރާވައިފައިވެއެވެ.

މި އަހަރު ގައުމީ ބެޑްމިންޓަން މުބާރާތް ޖޫން މަހަށް ތާވަލުކޮށްފައިވާ އިރު، އެ މުބާރާތުން އައިއޯއައިޖީއަށް ދާނެ ކުޅުންތެރިންގެ ސްކޮޑު އެކުލަވާލާނެއެވެ. އައިއޯއައިޖީ މި އަހަރު އޮންނާނީ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިނަކަށް މަޑަގަސްކަރައިގައެވެ. އޭޝިއަން ގޭމްސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޯބަރު އަށަކަށް ޗައިނާގެ ހަންޒޫގައެވެ.

މި އަހަރު ބެޑްމިންޓަންގައި އެންމެ ބޮޑަށް ތައްޔާރުވާނެ އިވެންޓަކީ އައިއޯއައިޖީއެވެ. 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ބެޑްމިންޓަނުން މުހިންމު ކާމިޔާބީތަކެއް ހޯދަފައިވާ އިރު، ދުރާލާ ތައްޔާރުވަމުންދަނީ އެ ކާމިޔާބީ ތަކުރާރުކުރުމަށެވެ.

މި އަހަރު ބެޑްމިންޓަންގެ އިތުރު މުބާރާތްތަކަށް ބަލާލައި އިރު، ރަމަޟާން މަހުގެ ހާއްސަ މުބާރާތަކާއި ވެޓްރަންސް މާސްޓާސް ކަޕާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަކޮށް ކުރިއަށްގެންދާ އެކްސްޕެޓްރިއެޓްސް ޗެމްޕިއަންޝިޕްވެސް ފާހަގަކޮށްލެވެއެވެ.