ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ފިއެސްޓާ 2023 އިއުލާން ކޮށްފިއެވެ.

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމް ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން ކާމިޔާބު ތިން މުބާރާތެއް ނިންމާލާފައިވާ އިރު، މިޔަޓް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް މިއަހަރުވެސް ހުޅުވާލަނީ ކ. އަތޮޅަށެވެ. މުބާރާތް ޖުލައި މަހުގެ ހަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ރަށަކުންވެސް އެއް ޓީމަށްވުރެ ގިނަ ޓީމުތަކަށް ބައިވެރިވެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމު، ވަރަށް އަވަހަށް މިޔަޓްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދީފައިވާ އިރު، މިފަހަރު ވަނީ އަންހެން ޑިވިޝަންގެ ހާއްސަ ފަތްމިނި ޑިވިޝަންވެސް ބާއްވަން މިޔަޓުން ވަނީ ނިންމައިފައެވެ. އަންހެން ޑިވިޝަންގައި ބައިވެރިވުމަށްވެސް މުޅި ކ. އަތޮޅަށް ހުޅުވާލައިފައިވާ އިރު، އެންމެ ފަހުން ބޭއްވި 2022 ވަނަ އަހަރު މިޔަޓް ފުޓްސަލް ފިއެސްޓާގައިވެސް އަންހެން ޑިވިޝަނަށް ހާއްސަ ވަން ޑޭ ކަޕެއް ކާމިޔާބު ކަމާއެކު ބާއްވާފައިވެއެވެ.

މިޔަޓް ފުޓްސަލް ފިއެސްޓާގައި ބައިވެރިކުރުމަށް ހަމަޖައްސާފައި ވަނީ 16 ޓީމެކެވެ. އަންހެން ޑިވިޝަންގައި ބައިވެރިވުމަށް ހުޅުވާލީ އަށް ޓީމަށެވެ. މިފަހަރުގެ މުބާރާތުގެ އިނާމުތައް ކުރީ މުބާރާތަށްވުރެ ބޮޑުތަނުން އިތުރު ކޮށްފައިވާ އިރު، މުބާރާތް ވަރަށް ބޮޑަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.

އެންމެފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން އެޕޮކްލިޕްސް ހޯދި އިރު، އެފަހަރު ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. މިފަހަރު ޗެމްޕިއަން ޓީމުގެ ފައިސާގެ އިނާމް 50،000 އަށް ބޮޑު ކޮށްފައިވާ އިރު، ރަނަރަޕް ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް މިޔަޓުން ވަނީ އިއުލާން ކޮށްފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް، އަދި ރަނަރަޕް ޓީމަށް 8،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. މިޔަޓުން ވަނީ ރަސްމީކޮށް މިއަހަރުގެ ފިއެސްޓާގެ ހާއްސަ ލޯގޯވެސް މިއަދު އިފުތިތާހުކޮށްފައެވެ.

ނިމިދިޔަ އަހަރު ފޯރިގަދަކޮށް، ކާމިޔާބުކަމާއެކު ނިންމާލި މިޔަޓް ފުޓްސަލް ފިއެސްޓާގައި 14 ޓީމަކުން ވާދަކޮށްފައިވެއެވެ. މުބާރާތުގައި ތަރިންގެ ކުޅުން ފެނިފައިވާ އިރު، ކ. އަތޮޅުގެ ހުނަރުވެރި ތަރިންގެ ކުޅުންތެރިންވެސް ފެނިގެން ގޮސްފައިވެއެވެ. މިދިޔަ އަހަރު ބޭއްވި އަންހެން ފުޓްސަލް ވަންޑޭ ކަޕްގައި ކ. އަތޮޅުގެ ހަތް ޓީމެއް ވާދަކުރިއެވެ. ކާމިޔާބުކަމާއެކު ނިންމާލި މިޔަޓް ވިމަންސް ޔުނިޓީ ކަޕް، އަންހެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ނެގީ ދިއްފުށީންނެވެ.

މިދިޔަ އަހަރުގެ މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.