ރިޕޯޓް

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއަކީ މިޒަމާނުގެ ޕައްޗީސް މާރު ޚާނެވެ.

އިމާދު ލަތީފު

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ހަނދާންތައް ހިމަނުއްވައިގެން މާވަރުގަދަ ފޮތެއް މިހަފުތާގައި އޭނާ އެބަނެރުއްވައެވެ. މިފޮތުގައި އޭނާ ބަޔާންކުރައްވާފައިވާ ވާހަކަތަކުގެ ތެރޭގައި އިނގިރޭސި ސިފައިންގެ ޚިދުމަތުގައި އުޅުއްވަމުން އަފްޣާނިސްތާނުގައި ފަންސަވީސް މީހެއްގެ ފުރާނަ ނެރެލެއްވި ކަމަށް ވަރަށް ފަޚުރުވެރިކަމާއެކު އިއުތިރާފުވެވަޑައިގެންފައިވެއެވެ. ކުރީ ޒަމާނުގައި ތިރީސް މީހަކު މެރި މާވަރުގަދަ ފަހުލަވާނެއްގެ ވާހަކަ އިންޑިޔާގައި ކިޔާއިރު ތީސްމާރުޚާންގެ ނަމުން ނިސްބަތްކުރެވެއެވެ. ތިރީސް މީހުން މަރާފައިވާތީއެވެ. ޕްރިންސް ހެރީ މިހާރު އެވިދާޅުވަނީ ފަންސަވީސް މީހަކު މެރުއްވި ވާހަކައެވެ. އެހެންވީމާ މިހިސާބުން ޕްރިންސް ހެރީއަށް މިޒަމާނުގެ ޕައްޗީސް މާރު ޚާންގެ ލަގަބު ހައްގުވެއްޖެއެވެ. ފަންސަވީސް މީހުންގެ ފުރާނަ ނެރެލައްވައިފައިވާތީއެވެ.

އަފްޣާނިސްތާނަށް ހުޅަނގުގެ ބާރުތަކުން އަރައި ވިހި އަހަރުގެ މުއްދަތަކަށް އެގައުމުގައި ދެމިތިބި އިރު ހުރިހާ ބާވަތެއްގެ ޖަރީމާއެއް ވަނީ ހިންގައިފައެވެ. މަޖަލަކަށް، ކުޅިވަރަކަށް ހަދައިގެންވެސް އާއްމު ރައްޔިތުން މަރައިފައިވެއެވެ. އަންދާޒާ ކުރެވިފައިވާ ގޮތުން މިލިޔަނަކަށްވުރެ ގިނަ މީހުން މަރައިފައިވެއެވެ. ޝިކާރަކުރާ ބީދައިންނެވެ. މިފަދަ ކޮންމެ ކަމެއް ހިންގައިފައި އެއީ ހަނގުރާމަވެރިންނޭ ބުނީމާ ނިމުނީއެވެ. ތަހުގީގުކުރުމެއް، އިންސާފު ގާއިމުކުރުމެއް، ހަގީގަތް ބެލުމެއް، ދެރަވުމެއް، ހިތާމަކުރުމެއް ނޯވެއެވެ. ޕްރިންސް ހެރީވެސް އިސްތިސްނާވުމެއް ނެތެވެ. މިކަން އޭނާގެ ފޮތުން ޔަގީންވެއެވެ. ހުޅަނގުގެ ބާރުތަކުން އަފްޣާނިސްތާނުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ވާހަކަ ބޭރު ދުނިޔޭގައި މާގިނަބަޔަކު ނުދެއްކިއަސް އަފްޣާނިސްތާނުގެ ރައްޔިތުން އެވާހަކަ ދައްކައެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ދެވަނަ ދަރިކަލުން ފްރިންސް ހެރީއަކީ ދިހަ އަހަރުގެ ދިގު މުއްދަތަކަށް އިނގިރޭސި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ ކެޕްޓަނެއްގެ ދަރަޖައިގައެވެ. ކުރިން ދެންނެވި މުއްދަތުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައެއް ހަނގުރާމަތަކުގައި ޕްރިންސް ހެރީ އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ވަކިން ޚާއްސަ ގޮތެއްގައި އަފްޣާނިސްތާން ފާހަގަކޮށްލެވެއެވެ. އެންމެ ފުރަތަމަ 2007 ވަނަ އަހަރުން 2008 ވަނަ އަހަރަށް ފޯވާޑް އެއާ ކޮންޓްރޯލާއެއްގެ ގޮތުގައެވެ. އެއީ އިނގިރޭސި ސިފައިން އަފްޣާނިސްތާނަށް އެންމެ ގަދައަށް ބޮންއެޅި ދުވަސްވަރެވެ. އޭގެފަހުން 2012 އިން 2013 އަށް އެޕާޗޭ ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައެވެ.

އަފްޣާނިސްތާނުގެ ހަނގުރާމައިގައި ޕްރިންސް ހެރީ އަދާކުރެއްވި ދައުރާއި، މެރުއްވި މީހުންނާ ގުޅޭގޮތުން އޭނާ ލިޔުއްވި ފޮތުގައި ވިދާޅުވެފައިވެއެވެ. އަފްޣާނިސްތާނުގައި އަހަރެން ފަންސަވީސް މީހެއްގެ ފުރާނަ ނެރެލީމެވެ. އެކަމާ އަހަރެން ފަޚުރުވެރިވަމެވެ. މިވާހަކަ ބުނަން ދެރަވުމެއް، ލަދުގަތުމެއް، ޖެހިލުމެއް ނެތެވެ. އެއީ ރާޒުވާ ފިލާގަނޑަކުން ބޭރުކޮށްލެވުނު ފަންސަވީސް މަނާ ފަދައެވެ. އިންސާނުންގެ ސިފައިގައި ތިއްބަސް ނުބައި ބައެކެވެ. ރަނގަޅު އިންސާނުންނަށް ނުރައްކަލަކަށް ވުމުގެ ކުރިން ދުނިޔެއިން ވަކިކޮށްލީއެވެ. އެމެރިކާގެ ޓުވިން ޓަވަރަށް ހަމަލަދިން މީހުންނާއި އެމީހުންނަށް ތާއީދުކުރާ އެންމެން ދުނިޔެއިން ނައްތާލުން ލާޒިމެވެ. އެއީ އިންސާނިއްޔަތުގެ ދުޝްމިނުންކަމަށްވާތީއެވެ. އެހެންވީމާ ކުރެވުނު ކަންތަކާ ދޭތެރޭ އުފާކުރަމެވެ.

އުމުރުފުޅުން މިހާރު 38 އަހަރުވީ ޕްރިންސް ހެރީގެ ފޮތް އާއްމުކޮށް ލޯންޗު ކުރުމަށް ހަމަޖެހިފައިވަނީ މިހަފުތާގެ އަންގާރަ ދުވަހުއެވެ. ޖެނުއަރީ ދިހަވަނަ ދުވަހުއެވެ. އޭގެކުރިން ސްޕެއިނުގައި މިފޮތް ވަނީ ނެރެފައެވެ. މީގައި ބަޔާންކުރެވިފައިވާ ވާހަކަތަކާ ގުޅިގެން ޕްރިންސް ހެރީއަށް ދުނިޔޭގެ ކަންކޮޅުތަކުން ނުހަނު ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒު ކުރެވިފައެވެ. ޝާހީ އާއިލާއިން އޭނާއަށް ހޯދައިދިން އަގުބޮޑު ތައުލީމާއި ދީފައިވާ ތަރުބިއްޔަތުގެ ފައިދާއަކީ ކޮބައިތޯ ވަނީ ސުވާލުކުރަން ފަށައިފައެވެ. އިންސާނުންގެ ފުރާނައިގެ އަގުވަޒަން ކުރަން ނޭނގުމާއި ހީކުރާ ހީކުރުންތަކުގެ އަލީގައި ހެވާއި ނުބައި ކަނޑައަޅައި ހިތަށް އެރިގޮތަކަށް މީހުން މަރައިފައި އެކަމާމެދު ފަޚުރުވެރިވެ ހަށިފުއްޕުމަކީ ތަހުޒީބުކަމުގެ ނިޝާނެއްތޯ ވަނީ އަހަން ފަށައިފަައެވެ.

ޕްރިންސް ހެރީ ވިދާޅުވެފައިވާގޮތުން އޭނާ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށް ނިސްބަތްވާ ފަންސަވީސް ހަނގުރާމަވެރިއެއްގެ ފުރާނަ ނެރެލީ ހެލްމަންޑް ޕްރޮވިންސްގައެވެ. މިކަމާމެދު ތާލިބާން ޖަމާއަތުން ބުނަނީ ކީކޭބާވައެވެ. އެ ޖަމާއަތުގެ ލީޑަރެއްކަމުގައިވާ އަނަސް ހައްގާނީ ވިދާޅުވިއެވެ. ޕްރިންސް ހެރީ ބަޔާން ކުރައްވާފައިވާ ދުވަސްވަރާއި ހެލްމަންޑް ޕްރޮވިންސްގައި ލިބިފައިވާ ގެއްލުންތައް ބަލައި ދިރާސާކޮށްފީމެވެ. ތާލިބާނުންގެ ތެރެއިން އެކަކުވެސް މަރުވެފައެއް ނެތެވެ. ޕްރިންސް ހެރީ މަރުއްވައިފައި އެވަނީ އާއްމު ރައްޔިތުންނެވެ. ހަތިޔާރު ނެތް ނިކަމެތިންނެވެ. ފަޚުރުވެރިވެފައި ފަންސަވީސް މީހުން މެރީމޭ، ރާޒުވާފިލާގަނޑަކުން ފަންސަވީސް މަނާ ބޭރުކޮށްލީމޭ އެވިދާޅުވަނީ އާއްމުންގެ ތެރެއިން މައުސޫމް ފަންސަވީސް މީހެއްގެ ފުރާނަ ނެރެލައްވައިފައެވެ.