އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.
ޕްރިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ނ. ކެނދިކުޅުދުއަށެވެ. މިއަދު ހެނދުނު 11:00 ހާއިރު، ރައީސް އެރަށަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަަރުހަބާ ކިޔުމަށް ބަނދަރަށް އެއްވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެރަށުގެ އެމްޑީޕީގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ނ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެނދިކުޅުދޫގެ އިތުރުން މަނަދޫ އަދި ވެލިދުއަށް ވަޑައިގަންނަވާނެއެވެ. އަދި ވެލިދުއަށް ވަޑައިގެން އެ ރަށުގައި ބާއްވާ ކެމްޕޭން ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް އިއްޔެ ވަނީ ރ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރުތައް ކުރައްވައިފައެވެ. އަދި ރޭ ރ. މީދޫގައި އޮތް ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ އެމްޑީޕީގެ މައި ހަރުގެއިން މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނު ކެމްޕޭނުގެ ސްލޯގަންއަކީ "ކުރިއަށް އިބޫ 2023" އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދު ވަނީ ޕްރައިމަރީގެ ކެމްޕޭނަށް، ފުވައްމުލަކު ސިޓީ، ގދ، އއ އަދި ގއ. އަތޮޅަށް ވަޑައިގެންފައެވެ. ނަޝީދު އިއްޔެ ވަނީ ކެމްޕޭނަށް އދ. އަތޮޅަށް ވަޑައިގެންފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު