ޓެކްނޮލޮޖީ

އައިފޯނަށް ކަމެއް ވުމަކީ ހިތަށް ކެތްވާކަމެއް ނޫން، 14 ޕްރޯއަށް އަރާ ރޮނގުތަކެއްގެ މައްސަލަ ބޮޑުވެއްޖެ

އާދަމް ނަސީރު

1

އައިފޯނަށް ކަމެއް ވުމަކީ ހިތަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. އަގުބޮޑު އައިފޯން 14 ޕުރޯ އަށް މިހާރު ދިމާވާ މައްސަލައިގެ ސަބަބުން އެފޯނު ބޭނުން ކުރާ ބައެއް މީހުން އުޅެނީ ހަދާނެ ގޮތް ހުސްވެގެންނެވެ.

އައިފޯން 14 ޕުރޯމެކްސް ނިންވާލާފައި ނުވަތަ ސްކްރީން ސުލީޕް މޯޑަށް ގޮސް އަންނަ އިރު ފޯނުން އެއްވެސް އެއްޗެއް ނުފެނި ފޯނުގެ މެދުން ރީނދޫ ރޮނގުތަކެއް އަރާތީ އައިފޯން ގެންގުޅޭ މީހުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެހެން ނަމަވެސް މިމައްސަލާ ގުޅިގެން އެޕަލް އިން ބުނާ ގޮތުގައި މިއީ ފޯނުގެ ހާޑްވެއަރ ނުވަތަ ޑިސްޕުލޭގެ މައްސަލައެއް ނޫނެވެ.

މި މައްސަލަ މި ގްލިޗް – ގިނައިން އައިފޯން 14 ޕްރޯ މެކްސް އަށް އަސަރުކުރާ ކަމަށް ފެންނަ އިރު މިކަމުގެ ސަބަބުން އައިފޯނު ބޭނުން ކުރާ ބައެއް މީހުނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ފޯނު ވެއްޓި ތަނެއްގައި ޖެހުމުން އާންމުކޮށް އަރާ ކަހަލަ ރޮނގުތަކެއް އަގުބޮޑު އައިފޯނުގެ ޑިސްޕުލޭއަށް، އެއްވެސް ކަމެއް ނުވެވެސް އެރުމަކީ އެޕަލް އަށް ހެދިފައިވާ ބޮޑު ގޯހެއްގެ ސަބަބުން ވާ ކަމެއް ކަމަށް އައިފޯނު ބޭނުން ކުރާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބެލެވޭ ގޮތުގައި މިއީ ސޮފްޓްވެއާ މައްސަލައެއް ކަމުން، އައިއޯއެސް އަޕްޑޭޓަކުން އެކަން ރަނގަޅު ކޮށްލެވޭނެ ކަމަށާއި އެކަމާ މާ ބޮޑަށް ކަންބޮޑު ނުވުމަށް އެޕަލް އިން ވަނީ އެދިފައެވެ. ކުޑަ އިންތިޒާރެއް ކޮށްލުމަށާއި ލަސްތަކެއް ނުވެ އެކަން ހައްލު ކޮށްދޭ ސޮފްޓްވެއަރ ޕެޗެއް ނެރެދޭނެ ކަމަށްވެސް އެޕަލްއިން ވަނީ ބުނެފައެވެ.

މި މައްސަލަ ރަނގަޅު ނުވެގެން ފޯނު ހިފައިގެން އެޕަލް ފިހާރައަށް ދިޔަ ފަރާތަކަށް ޓެކްނީޝަން އެންގީ ހާޑް ރީސެޓެއް ނުވަތަ ސްމާޓްފޯން އައިއޯއެސް 16.2 އަށް އަޕްޑޭޓް ކޮށްލުމަށެވެ. ފޯނުގެ ހުރަހަށް އަރާ ރޮނގު ނުފިލައިގެން ކަންބޮޑުވާ ނަމަ މި ވަގުތަށް އޮތް ހައްލަކީ އެއީއެވެ.

އެހެން ނަމަވެސް އައިފޯނު ގެންގުޅޭ ބައެއް މީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުރަސް ރޮނގުތަކެއް އަރަން ފެށީ އައިއޯއެސް 16.2 އަށް އަޕްޑޭޓް ކުރުމުންނެވެ.

މި މައްސަލައިގެ ސަބަބުން އެޕަލް އަށް ބޮލުގެ ރިހުމަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް މިއީ ސޮފްޓްވެއާގެ މައްސަލަޔަކަށް ވުމުން މި މައްސަލަ ލަސްތެއް ނުވެ ހައްލުވާނެ ކަމަށް ބެލެވެއެވެ.

ހިތާމައަކީ އެޕަލް އިން ނެރޭ ފޯނުތަކުގެ މައްސަލަތަކާ ގުޅިގެން ވާނުވާ ނޭނގި ބައެއް މީހުން ކަންބޮޑު ވާތީއެވެ. އެޕަލް ކުންފުނީގެ ފަރާތުން އެއްވެސް މައްސަލައަކާ ގުޅިގެން އެއްޗެއް ބުނާނީ ވަރަށް ބޮޑުވަރު ވީމައެވެ. އެހެން ނަމަވެސް އަގުބޮޑު އައިފޯނަށް ކަމެއް ވުމަކީ އައިފޯން ގެންގުޅޭ މީހުންގެ ހިތަށް ކެތްވާކަމެއް ނޫނެވެ. ގަބޫލުވެސް ކުރަން ބޭނުން ނުވާ ކަމެކެވެ.