ސައޫދީ އަރަބިޔާގެ އައްނަސްރު ފުޓްބޯޅަ ކުލަބުން އިޓަލީގެ ޔުވެންޓަސްގެ ކޮލަމްބިއާ މިޑްފީލްޑަރު ހުއާން ކުއަޑްރާޑޯގެ ސޮއި އަތުލުމުގެ މަސައްކަތް ފަށައިފިއެވެ. އުމުރުން 34 އަހަރުވީ ކުއަޑްރާޑޯ ގެނައުމުގެ މަސައްކަތް އައްނަސްރުން ފެށީ އެކުލަބަށް ދާދިފަހުން ސޮއިކުރި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެދުމުގެ މަތިންނެވެ.
ރޮނާލްޑޯއަކީ 2018 އިން 2021 ވަނަ އަހަރަށް ކުއަޑްރާޑޯއާއެކު ޔުވެންޓަސްއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ވަރަށް ބޮޑު ދެ އެކުވެރިންނެވެ. ޔުވެންޓަސްއާއެކު ކުއަޑްރާޑޯ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މިސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އެހިސާބުން ހިލޭ ޓްރާންސްފަރއެއްގައިވެސް އައްނަސްރަށް އޭނާ ގެންދެވިދާނެއެވެ. އެކަމަކު އައްނަސްރުން ބޭނުންވަނީ ޔުވެންޓަސްއަށް ދޭންޖެހޭ ފީއެއް ދީފައި މި ޖެނުއަރީ މަހުގެ ޓްރާންސްފަރ ވިންޑޯގައި އޭނާ ސައޫދީ އަރަބިޔާއަށް ގެނައުމަށެވެ.
ކުއަޑްރާޑޯ ގެންދިއުމަށް އިޓަލީގެ ވަރުގަދަ ބާރެއް ކަމުގައިވާ އިންޓަރ މިލާންވެސް ބޭނުންވެއެވެ. އެހެންވީމާ އޭނާގެ ސޮއި އަތުލުން އައްނަސްރަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އެނގިފައިވާ ގޮތުގައި އިންޓަރ މިލާނުން ހުށައަޅާ މުސާރައިގެ ތިންގުނަ ދީގެންވިޔަސް ކުއަޑްރާޑޯ ގެންދަން އައްނަސްރުން ބޭނުންވެއެވެ. ޔޫރަޕުގެ ބޮޑު ކުލަބެއްގައި ހުރެގެން ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ލިބެން އޮތިއްޔާ އޭނާ އިޚުތިޔާރު ކުރާނީ ބޮޑު އާމްދަނީ ކަމަށް އައްނަސްރުގެ މެނޭޖްމަންޓުން ގަބޫލު ކުރެއެވެ.
ކުއަޑްރާޑޯއަކީ 2015 ވަނަ އަހަރުން 2017 އަށް އިނގިރޭސިވިލާތުގެ ޗެލްސީއަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ކޮލަމްބިއާގެ ގައުމީ ޓީމަށް މިހާތަނަށް 110 މެޗު ކުޅެދީ 10 ގޯލްވެސް ޖަހާފައިވެއެވެ. ޗެލްސީގައި ހުރެފައި 2017 ވަނަ އަހަރު ޔުވެންޓަސްއަށް ބަދަލުވިފަހުން 149 މެޗުގައި އޭނާ ވަނީ 12 ގޯލް ޖަހައިފައެވެ. އިޓަލީގެ ކުލަބްތަކުގެ ތެރެއިން ފިއޮރެންޓީނާ އާއި ލެއްޗެ އަދި އުދިނޭޒީއަށްވެސް އޭނާ ވަނީ ކުޅެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު