އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ވެރިކަމުގެ ދައުރު ފުރިހަމަކުރަން ނުލިބި، ތިން އަހަރުގެ ތެރޭގައި މަގުމަތިވެގެން ދިޔަ ގޮތް ހަނދާން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރ. މީދުއަށް މިއަދު ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން އެމަނިކުފާނު ކާމިޔާބުކުރައްވާނެ ކަމަށެވެ. އަދި މިއަހަރު ބާއްވާ އިންތިހާބު ކާމިޔާބުކުރެވޭނީ ކޮން ގޮތަކުން ކަމާއި، ކޮން ބޭފުޅަކާއެކު ކަން އެތެރޭގެ އިންތިހާބުގައި ވޯޓުދޭ އިރު، ވިސްނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"2008 ވަނަ އަހަރު އިންތިހާބެއް ކާމިޔާބެއްކޮށް، އަދި އިންތިހާބު ކާމިޔާބުކުރެވުނު ގޮތް ތި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއަށްފަހު ތިން އަހަރުގެ ތެރޭގައި ސަރުކާރު ބަދަލުވެ، މަގުމަތިވެގެން އަޅުގަނޑުމެން ދިޔަގޮތް މިއަދުވެސް އަޅުގަނޑުމެންގެ ހިތުގައި ހަރުލާ ހުންނާނެ. ހަނދާނެއް ނުނެތޭނެ. އެއަށްފަހު 2012 އިން 2018 ވަނަ އަހަރާ ހިސާބަށް، ރާއްޖޭގެ ހާލަތު އޮތްގޮތް އަދި އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެން ނުދޭ. އަދި އެ ދުވަސް ހަދާނުން ފޮހެލާކަށްވެސް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަށް ތަފާތު ސިޔާސީ ފިކުރުގެ މީހުން އެއްތަންކޮށް އެއްކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވެފައިވާ ވައުދުތަކުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.