ދިވެހިބަހުގެ އެކަޑަމީން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" ފޮތުގައި "ކަކުނިދިޔޯ" ގެ ވާހަކަ ބަޔާންވެގެންވެއެވެ. ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ދިވެހީންނަށް އަރަބި ނަންނަން ކިޔަމުން އަންނައިރު އެ އުސޫލާ ޚިލާފަށް އަރަބި ނޫން ނަމަކުން ތާރީޚުގައި ބަޔާންކޮށްފައިއެވާ ކަކުނިދިޔޯއަކީ ކާކުބާވައެވެ. ކީއްވެގެން ކޮންގޮތަކުން ކިޔަން ފެށުނު ނަމެއް ބާވައެވެ. ބަލައިލަމާބަހީއެވެ. އެބުނާ ކަކުނިދިޔޯއަކީ ދިވެހި އިސްލާމް ރަސްކަލެއްގެ މައިކަނބަލުންނެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މަޝްހޫރު އާލިމެއްގެ ދަރިކަނބަލުންނެވެ. މަޝްހޫރު ގަދަރުވެރި ހާޖީބެއިކަލެއްގެ އަނބިކަނބަލުންނެވެ. ދުނިޔޭގައި އުޅުއްވާފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާވެސް ހަސަތޭކައެއްހައި އަހަރު ފަހުންނެވެ. އަރަބި އިސްލާމީ ނަމެއްނެތި ހަމައެކަނި ކަކުނިދިޔޯއަކަށް ވެގެންނުވާނެއެވެ.
މިކަމަނާޔަކީ އުތީމު ޚާންދާނުގެ ރަސްކަމުގެ ޒަމާނުގައި ފަނޑިޔާރުކަން ކުރެއްވި ހުވަދުއަތޮޅު ކެރަމިންތާ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުންނެވެ. މި އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަކީ މަޝްހޫރު އާލިމު މުހައްމަދު ޖަމާލުއްދީނު، ވާދޫ ދަންނަކަލޭގެފާނުގެ އިސް ދަރިވަރެކެވެ. މިވަރުގެ ބެއިކަލެއްގެ ދަރިކަނބަލަކަށް އަރަބި ނަންފުޅެއްނެތި ހަމައެކަނި ކަކުނިދިޔޯއެކޭ ނުކިޔާނެއެވެ. އަރަބި ނަންފުޅެއް އޮވެއެވެ. އެނަންފުޅަކީ އައިޝާއެވެ. މިކަމަނާ ކައިވެނި ބެއްލެވީ މުހައްމަދު ޝަމްސުއްދީނު އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދޮށީ ދަރިކަލުން އަލްހާއްޖު އަލީތުއްކަލާއާއެވެ. ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމާއި ރަސްކަންވެސް ކުރެއްވި މުހައްމަދެވެ. މަޝްހޫރު ދެއްވަދޫ ރަސްގެފާނެވެ.
ގޮއްޔެ، ހިޔަލަ، ބުރެއްކާ، ދިޔޯ، މިޒާތުގެ ނަންނަމަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހުވެސް ބައެއް އަންހެނުންނަށް ވަނަމެއްގެ ގޮތުގައި ކިޔާފައިވާ ނަންނަމެވެ. މިއިން ކޮންމެ ބެއިކަނބަލެއްގެ ރަސްމީ އަރަބި ނަންފުޅެއް އޮވެއެވެ. ވީމާ މިޒަމާނުގެ ދިރާސާކުރުންތަކުގެ އަލީގައި ފޮތެއްލިޔެ ޝާއިއުކުރާއިރު ހަމައެކަނި ކަކުނިދިޔޯއޭ ލިޔެފައި ފުއްދާލައިގެން ނުވާނެއެވެ. ދެއްވަދޫ ރަސްގެފާނުގެ މައިކަނބަލުންގެ އަސްލު ނަންފުޅު ބަޔާންވެގެންވާ ކިތަންމެ ކިތަންމެ ފަތްކޮޅެއް ފެންނާންހުއްޓައިމެ، އެއިން އެއްޗަކަށް ރިއާޔަތްކުރުމެއްނެތި ކަކުނިދިޔޯއަކުން ފުއްދައިލުމަކީ ވަރަށް ދެރަ ކަމެކެވެ. ބަހުގެ އެކަޑަމީން ވިޔަސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ކަކުނިދިޔޯއޭ ބުނުމުން ނަމުގެ މާނަޔާއި އަސްލު ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަބުރުވެރި ނަމެއް ނޫންކަމަށް ހީވުމަކީވެސް ކައިރިކަމެކެވެ.
ދެއްވަދޫ ރަސްގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ އައިޝާ ކަމަށްވާއިރު އެނަންފުޅު ދެގޮތަކަށް ލިޔެވިފައިވަނިކޮށް ފެނެއެވެ. އެއްގޮތަކީ އައިޝާ ނުވަތަ އައިސާދިޔޯއެވެ. އަނެއްގޮތަކީ އައިސާބީއެވެ. ކުރީޒަމާނުގައި ދިޔޯގެ މާނަޔަކީ ރީތި އަންހެނާއެވެ. އައިސާދިޔޯއޭ ބުނެވޭ ބަހުގެ މާނައަކީ ރީތިކަމާއި ފުރިހަމަކަން ލިބިގެންވާ އައިޝާއެވެ. ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ދައުރުގައި ދެއްވަދޫ މިސްކިތެއްގެ ވަގުފު ފަތް އައުކުރައްވައިފައި އަލުން އެފަތް ލިޔެދެއްވިއިރު ދެއްވަދޫ ރަސްގެފާނުގެ މައިކަނބަލުންގެ ނަންފުޅު އެރަދުން ލިޔުއްވީ އައިސާބީ، މިގޮތަށެވެ. ދިޔޯއެކޭ ނުލިޔުއްވައެވެ. އެޒަމާނުގައި އަރަބި އަންހެން ނަންނަމުގެ ފަހަތަށް ބީ، މި އަކުރު ގެނައުމުގެ އާދައެއް އޮތެވެ. އެއީ ދެކުނުގެ އަތޮޅުތަކުގައި މަތީ ފަންތީގެ އަންހެނުންގެ ޚާންދާނީ ލަގަބު ނަމެކެވެ. އައިސާބީ، ފާތުމާބީ، ހައްވާބީ، އާމިނާބީއެވެ.
ކުރީޒަމާނުގައި އަންހެނުންގެ ރީތިކަން ބަޔާންކުރުމަށްޓަކައި ދޫނިސޫފާސޫފީގެ އެކި ގުނަވަންތަކަށް ނިސްބަތްކޮށްފައިވެސް ވަނަން ކިޔައިފައިހުރެއެވެ. ކަޅިރަވައިގެ ތޫނުކަމާއި ރީތިކަން ބަޔާންކުރުމަށް ކުރަނގި، ކަކުނި މިފަދައިން ކިޔާފައިހުރެއެވެ. ކެރަމިންތާ އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ދަރިކަނބަލުން އައިޝާއަކީ ނުހަނު ރީތި ކަނބަލެކެވެ. ޚާއްސަކޮށް ކަޅިރަވައިގެ ތޫނުކަން ގަދަ ބޭފުޅެކެވެ. މިކަން އެޒަމާނުން ފެށިގެން ތުންތުންމަތިން ކިޔެމުން ނަގުލުވަމުން އަންނަ ވާހަކަތަކާއި ލިޔެވިފައިވާ ލިޔުންތަކުންވެސް ވަރަށް ސާފެވެ. ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްހާއްޖު އަލީތުއްކަލާއަށް އެކަމަނާގެ ކައިވެނިފުޅު ލިބިވަޑައިގަތީވެސް ވާދަކުރެއްވުމެއްގެ ތެރެއިންނެވެ. ކޮންމެއަކަސް ދިޔޯ، މިނަމުގެ ކުރިއަށް ކަކުނި ގެނެސްފައިވަނީ އެކަމަނާގެ ކަޅިރަވައިގެ ތޫނުކަމަށްޓަކައެވެ.
ދެއްވަދޫ ރަސްގެފާނުގެ މައިކަނބަލުންގެ ނަންފުޅާމެދު ރަސްމީ ލިޔުމެއްގައި އޮޅުންއެރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ތަންކޮޅެއްކުރިން ފަތްތޫރަ މަޖައްލާގައި މަޝްހޫރު މުއައްރިޚަކުވެސް އެކަމަނާގެ ނަންފުޅު ނުބައިކޮށް ލިޔުއްވައިފައިވެއެވެ. "ކުރަމަތީ އަބޫބަކުރުގެ ދޮންކަނބުލޯ، ނުވަތަ ދޮން މަރިޔަނބު ކަނބުލޯ (ކަކުނިދިޔޯ) މިގޮތަށް ލިޔުއްވައިފައިވެއެވެ. މިއީ ސައްހަ ގޮތެއް ނޫނެވެ. އެކަމަނާއަކީ މަރިޔަނބެއް ނޫނެވެ. އެކަމަނާގެ ދަރިކަލުންގެ ފަތްކޮޅެއްގައި މައިކަމަނާގެ ނަންފުޅަކަށް ބޭނުން ކުރެއްވީ އައިސާބީއެވެ. އެފަތްކޮޅު އެއޮތީ ފެންނާށެވެ. ގައިމުވެސް މައިކަނބަލުންގެ ނަންފުޅު ރަދުންނަށް އެނގިވަޑައިގަންނަވާނެތާއެވެ. ވީމާ، ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، މިފޮތުގެ އައުޗާޕެއް ކުރަންޏާ ކުރިންދެންނެވި ގޯސް އިސްލާހު ކުރައްވައިގެން ޝާއިއުކުރެއްވުމަކީ ވަރަށްބޮޑު އެދުމެކެވެ.