ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިހާރު ބޭނުންކުރާ ޑޭޝް މަރުކާގެ ބޯޓުތައް މެއިންޓެއިންކޮށް މަރާމާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. ޑޭޝް މަރުކާގެ ބޯޓުތައް އުފެއްދުންވެސް މިހާރު ހުއްޓާލާފައިވާއިރު މޯލްޑިވިއަން ފްލީޓުގައި ޑޭޝް މަރުކާގެ 11 ބޯޓެއް މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ. މިހާރުގެ ޑޭޝް 8 ފްލީޓަކީ ޖުމްލަ ގޮތެއްގައި ދުވަސްވެފައިވާ ފްލީޓަކަށް ވުމުގެ ސަބަބުން އެއާކްރާފްޓްގެ ބޭނުން ނުހިފި މަރާމާތުގެ ބޭނުމަށް ޑައުން ޓައިމް ގިނަ ވުމަކީ އެއާލައިންގެ އޮޕަރޭޝަނަށް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި މިހާރު ބޭނުންކުރާ ޑޭޝް އެއާކްރާފްޓު ތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ގަތުމުގައި ދިމާވާ ގޮންޖެހުންތަކަކީވެސް 'އެއާކްރާފްޓް ގްރައުންޑް ޓައިމް' އިތުރުވުމަށް ދިމާވާ ސަބަބެކެވެ. މާކެޓުގައި ޑޭޝް 8 ފްލީޓަށް (Q-200, Q-300) ބޭނުންވާ ސްޕެއާ ވިއްކާ ފަރާތްތައް މަދުވުމާއެކު މޯލްޑިވިއަން އިން ސްޕެއާ ގަންނަން ކުރަން ޖެހޭ ހަރަދަކީ މިފަދަ އޮޕަރޭޝަނަކަށް ބޭނުންކުރެވިދާނެ އެހެން އެއާކްރާފްޓަކަށް ކުރަން ޖެހޭނެ ހަރަދާއި މާކެޓުން ސްޕެއާ ގަންނަން ހޭދަ ކުރަންޖެހޭ ވަގުތާ ބަލާއިރު ނިސްބަތުން ބޮޑު އަދަދެއް ކަމަށްވެސް މޯލްޑިވިއަން އިން ފާހަގަކުރެ އެވެ.
ވުމާއެކު އެތެރޭގެ އުދުހުންތައް އިތުރަށް ފުޅާކޮށް ހިތުމަތްތައް އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވިއަން އިން ވަނީ އެއާލައިންގައި މިހާރު ބޭނުންކުރާ ޑޭޝް މަރުކާގެ ބޯޓްތައް ވިއްކާލައި މުޅި ފްލީޓް އޭޓީއާރް މަރުކާގެ ބޯޓުތަކަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައެވެ. މޯލްޑިވިއަން އިން ފާހަގަކުރާ ގޮތުގައި ޑޮމެސްޓިކް ފްލީޓް އާ ކުރުމަކީ މިވަގުތު އެއާލައިނުން ނިންމަން ޖެހޭ އެންމެ މުހިންމު އެއް ނިންމުމެވެ.
ބާވެފައިވާ ޑޭޝް މަރުކާގެ ހުރިހާ ފްލައިޓެއް އެއްކޮށް ބަދަލުކުރަން ނިންމާފައިވާއިރު މޯލްޑިވިއަން އިން މިހާރު ވަނީ އޭޓީއާރް 600-72 ގެ ދެ ބޯޓާއި 600-42 ގެ އެއް ބޯޓު ގަނެފައެވެ. އޭގެ ތެރެއިން އިއްޔެ އޭޓީއާރް 600-72 ގެ ދެ ބޯޓު ރާއްޖެ ގެނެސްފައިވާއިރު ތިންވަނަ ބޯޓުވެސް މިމަހު ރާއްޖެ އަންނާނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެ އެވެ. މޯލްޑިވިއަން އަށް މި ބޯޓުތައް ގަތީ ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރް ކުންފުނިންނެވެ. މިއީ ގައުމީ އެއާލައިނުން މުޅިން އާ ބޯޓުތަކެއް ގަތް ފުރަތަމަ ފަހަރެވެ.
އެޓީއާރްގެ އޮޕަރޭޝަންތަކަށް ބަލާއިރު އޭޓީއާރް 600-72 އަދި 600-42 މަރުކާގެ އެއާކްރާފްޓް ތަކަކީ ދުނިޔޭގެ ބޮޑެތި ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި އެންމެ މަގުބޫލު އެއް އެއާކްރާފްޓްކަން ފާހަގަ ކުރެވެއެވެ. މޯލްޑިވިއަން އިން މައުލޫމާތު ދޭގޮތުގައި މާކެޓުގައި މިވަގުތު ހުރި މިފަދަ އެހެން އެއާކްރާފްޓްތަކާ އަޅައިކިޔާ އިރު އެއާކްރާފްޓް ގަންނަން ކުރަން ޖެހޭ ހަރަދު އޭޓީއާރުގައި ނިސްބަތުން ކުޑައެވެ. ދާއިރާގެ މާހިރުންގެ ލަފަޔަށް ބިނާކޮށް، އޭޓީއާރުން ލިބޭ އޮޕަރޭޝަނަލް ފަސޭހަތަކާއި ގަންނަން ކުރަން ޖެހޭ ހަރަދަށް ބެލުމަށްފަހު މޯލްޑިވިއަންގެ އޮޕަރޭޝަނަށް އެންމެ އެކަށޭނެ އެއާކްރާފްޓަކީ ވެސް އޭޓީއާރު މަރުކާގެ ބޯޓުތައް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
އެއާލައިން އޮޕަރޭޝަނަކަށް ބަލާއިރު ތެލާއި މެއިންޓެނަންސް އަކީ ޖުމްލަ ހަރަދުގެ ބޮޑު ނިސްބަތެއް ތަމްސީލުކުރާ ދެ ހަރަދެވެ. ފްލީޓް ބަދަލުކުރިކަމުގައި ވީނަމަވެސް މި ދެ ހަރަދަކީ މުޅި އޮޕަރޭޝަނަށް ބަލާއިރު ނިސްބަތުން އެންމެ ބޮޑު ދެ ހަރަދުގެ ގޮތުގައި ދެމިގެން ދާނެއެވެ. ނަމަވެސް ޑޭޝް 8 އޮޕަރޭޝަނަކާއި އަޅައިކިޔާއިރު އޭޓީއާރު އޮޕަރޭޝަނެއްގައި މި ދެ ހަރަދުވެސް އަހަރަކަށް ބަލާއިރު ކުޑަވެގެންދާނެކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ގެނައި ދެ ބޯޓުގައިވެސް ބޭނުންކުރާ އިންޖީނަކީ އޭޓީއާރްގެ އެންމެ ފަހުގެ އިންޖީނުތަކަށް ވާއިރު ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް އަދި އަދި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
އެހެންކަމުން އޭޓީއާރު އެއާކްރާފްޓް ވެގެންދާނީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ އެއާކްރާފްޓުތަކަކަށެވެ. އެއީ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސްޕެއާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކާއި ސްޕެއާ ގަތުމަށް ކުރަން ޖެހޭ ހަރަދު ބޮޑު އިރު، އޭޓީއާރު އެއާކްރާފްޓުތަކުން ފިއުލް ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަން ޖެހޭ ހަރަދުވެސް ކުޑަވާނެތީއެވެ. އަދި ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރުވުން މަދުވެ، ދަތުރުުގެ ހަރަދުވެސް ކުޑަވެގެންދެއެވެ. މި ބަދަލާއެކު ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސަބަބުން އެކުންފުންޏަށް އުފުލަން ޖެހިފައިވާ މާލީ ބުރައަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި އޭޓީއާރު ޕްރޮޖެކްޓަކީ އެތެރޭގެ އުދުހުންތައް ހަރުދަނާ ކުރުމަށް ހިންގޭ ޕްރޮޖެކްޓަކަށް ވާއިރު އެންމެ އިސްކަމެއް ދޭނީވެސް އެތެރޭގެ އުދުހުންތައް ހަރުދަނާކޮށް ފުޅާ ކުރުމަށެވެ. އެގޮތުން ޑިމާންޑާ އެއްވަރަށް ޑޮމެސްޓިކް ފްލައިޓުތައް އިތުރުކުރާނެ ކަމަށާއި އިންޓަނޭޝަނަލް ޑެސްޓިނޭޝަންތަކަށްވެސް އޭޓީއާރު ބޭނުންކުރެވޭ ހާލަތްތަކުގައި ބޭނުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މޯލްޑިވިއަން ބުންޏެވެ.
އޭޓީއާރު ޕްރޮޖެކްޓް ވެގެންދާނީ މޯލްޑިވިއަންގެ ތާރީހުގައި ހިންގޭ އެންމެ ބިޔަ އެއް މަޝްރޫއަށެވެ. އެއީ މޯލްޑިވިއަން ފްލީޓުގައި މިވަގުތު ޑޭޝް8 ގެ ދިހަ ބޯޓު ބޭނުންކުރަމުން އަންނައިރު އެއާލައިނުގެ ވިސްނުމަކީ އެހުރިހާ ބޯޓެއްގެ ވިއްކާލައި ބަދަލުގައި އޭޓީއާރް މަރުކާގެ ބޯޓު ގެނައުމެވެ. މޯލްޑިވިއަން އިން ބުނިގޮތުގައި މި ޕްރޮޖެކްޓާ އެކު އެއާލައިންގެ މިސްރާބު ދުނިޔޭގެ އެހެން ޑޮމެސްޓިކް އެއާލައިންތަކާ ބެންޗްމާކް ކުރުމުގެ ދިމާލަށްވެސް ގެންދެވިގެންދާނެއެވެ. އެހެންކަމުން އޭޓީއާރާއެކު މޯލްޑިިވިއަން އަށް އޮތީ ފާގަތި މުސްތަގުބަލެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް