ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އިއްޔެ ގެނައި އޭޓީއާރްގެ އާ ދެ ބޯޓާއެކު ތާވަލުކުރެވިފައިވާ ޝެޑިއުލްތަކާ އެއްގޮތަށް އެއާލައިންގެ އޮޕަރޭޝަންތައް ކުރިއަށްގެންދެވޭނެ ކަމަށް މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނެފިއެވެ.

މޯލްޑިވިއަންގެ ފްލީޓަށް އިއްޔެ އިތުރުކުރި އާ އޭޓީއާރް އެއާކްރާފްޓާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މިހާރު މޯލްޑިވިއަން އިން ބޭނުން ކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތަކަކީ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޯޓުތަކެއް ކަމަށާއި ދުވަސްވުމުގެ ސަބަބުން ބޯޓުތަކުގެ މެއިންޓަނެންސް ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލަށް ވެސް ބުރޫ އަރަމުން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް އިއްޔެ ގެނައި އޭޓީއާރް ދެ ބޯޓަކީވެސް މުޅިން އާ ދެބޯޓު ކަމަށާއި އާ ބޯޓުތަކާ އެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓު ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާ ބޯޓުތަކެއް ގެނައުމުގެ ސަބަބުން ޓެކްނިކަލް މައްސަލަތައް ދިމާވުން ހުއްޓިގެން ދާނެ. އެހެންވީމަ އަޅުގަނޑުމެންގެ ޝެޑިއުލްތައް ބަރާބަރަށް ގަޑިއަށް ބޯޓުތައް ފުރުވަންވެސް ފައްޓާނެ،" ޖެނިފާ ވިދާޅުވިއެވެ.

އޭޓީއާރް 600-72 ގެ ދެ މަތިންދާބޯޓާއި އޭޓީއާރު 400-72 ގެ އެއް މަތިންދާބޯޓު ގަންނަން އެ ބޯޓުތައް އުފައްދާ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު އައިއޭއެސް އިން ސޮއިކުރީ މިދިޔަ އަހަރު ޖެނުއަރީގައެވެ. އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަނުން އިއްޔެ ރާއްޖެ ގެނެސްފައިވަނީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ މަތިންދާބޯޓެވެ. އެ ދެ ބޯޓާއެކު މިހާރު މޯލްޑިވިއަން ފްލީޓުގައި 13 ބޯޓު އޮވެއެވެ.

ޖެނިފާ ވިދާޅުވީ، އާ ބޯޓުތަކާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އިން-ފްލައިޓް ހިދުމަތްތައް ވެސް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށެވެ. އަދި އޭޓީއާރްގެ 400-72 ބޯޓެއް ވެސް މި މަހު ތެރޭ މޯލްޑިވިއަން އަށް ލިބޭނެ ކަމަށާއި މި އަހަރު ތެރޭ ވެސް އޭޓީއާރްގެ އާ ބޯޓުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މައުލޫމާތުދޭ ގޮތުގައި އަލަށް ގެނައި އޭޓީއާރް އެއާކްރާފްޓުތައް އުދުހުންތަކުގައި ބޭނުންކުރަން ފަށާނީ ސަލާމަތީ ބައެއް އިންސްޕެކްޝަންތައް ހެދުމަށް ފަހުގައެވެ. އެގޮތުން މިހާރު އެ މަރުހަލާގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ޕަސިންޖަރުން ގޮވައިގެން ކުރާ ދަތުރުތަކަށް އާ ދެ ބޯޓު ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް ބުންޏެވެ.