ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ދެ ތާރީހަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިއަދު ވިދާޅުވީ، އީސީން މަސައްކަތްކުރަމުން އަންނަނީ، ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ނުވަތަ ނުވަވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ކަމަށާއި ދެވަނަ ބުރަކަށް ގޮސްފިނަމަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ނުވަތަ 30 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މަހުގެ 15 ވަނަ ދުވަހު އަޅުގަނޑުމެން ފައިނަލް ތާރީހެއް އިއުލާން ކުރާނަން" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް އިލެކްޓޯރިއަލް މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް އެތަން ހޯދުމުގެ މަސައްކަތް ކަމަށާއި މި މަހުގެ ތެރޭގައި އެތަން ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ރިޔާސީ އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.