އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު، ވެސްޓް ހަމްގެ ކޯ ޗެއާމަން ޑޭވިޑް ގޯލްޑް މިއަދު ނިޔާވެއްޖެއެވެ.

ކުޑައިރުއްސުރެ ވެސްޓް ހަމްގެ ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކުރެވުނު ގޯލްޑް މިއަދު ނިޔާވެފައިވަނީ އުމުރުން 86 އަހަރުގައެވެ. ވެސްޓް ހަމްއިން ބުނީ ކްލަބުގެ ކޯ ޗެއާމަން ގޯލްޑް، މިއަދު ނިޔާވީ ކުޑަ ދުވަސްކޮޅަކަށް ބަލިވެ އުޅުއްވުމަށްފަހު ކަމަށާއި ގޯލްޑް ނިޔާވީ އާއިލާއާއެކު ގޭގައި އުޅުއްވަނިކޮށް ކަމަށެވެ.

ގޯލްޑަކީ ކުރިން ބާމިންހަމް ސިޓީގެ ޗެއާމަންކަން ކުރެއްވި އެ ކްލަބުގެ ކޯ އޯނަރުވެސް މެއެވެ. އޭނާ ވެސްޓް ހަމްގެ ޖޮއިންޓް ޗެއާމަނަކަށް ވެވަޑައިގެންފައިވަނީ 2010 ވަނަ އަހަރުއެވެ. ގޯލްޑްގެ އިތުރުން ވެސްޓް ހަމްގެ ޗެއާމަންކަމުގައި ދެން ހުންނެވީ ޑޭވިޑް ސުލްވިއަންއެވެ.

ވެސްޓް ހަމްގެ ކޯޗުކަމުގައި ހުރި ޑޭވިޑް މޮޔެސް މިއަދު ބުނީ ކްލަބުގެ ކޯ ޗެއާމަން ނިޔާވުމަކީ ހިތްދަތިކަމެއް ކަމަށާއި، ކުޅުންތެރިންނާއި ކްލަބުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ގޯލްޑްގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

މޮޔެސް އިތުރަށް ބުނީ ގޯލްޑަކީ އަބަދުވެސް ކްލަބުގެ އެކިއެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ޗެއާމަނެއް ކަމަށާއި، ކްލަބަށް ގޯލްޑް ދޭ ލޯބި އަބަދުވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

ގޯލްޑަކީ ވެސްޓް ހަމަށް އުފަން ބޭފުޅެކެވެ. ވެސްޓް ހަމްގެ ސްޓޭޑިއަމް ކައިރީގައި ދިރިއުޅުއްވާ ގޯލްޑް ވަނީ ވެސްޓް ހަމްގެ ޒުވާން ޓީމުތަކަށް ކުޅުއްވައިފައެވެ.