ފްރެންޗެސްކޯ މޮރިއޭރޯ

މޮރިއޭރޯގެ ތަޖުރިބާ އިޓަލީ ނޫހަކަށް: "ރާއްޖެއަށް ކޯޗުކަން ކޮށްދިނުމަކީ ހީކުރާ ކަހަލަ ފަސޭހަކަމެއް ނޫން"

އިޓަލީ ދޫކޮށް އައިސް ރާއްޖޭގައި މަޑުކޮށްގެން ހުރެ، ދިވެހި ޓީމު ތަމްރީނުކުރުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫން ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މިވަގުތު ރާއްޖޭގެ ގައުމީ ޓީމާއެކު ދެވަނަ އަހަރެއް ހޭދަކުރަމުންދާ އުމުރުން 53 އަހަރުގެ އިޓަލީ ކޯޗު މޮރިއޭރޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީގައި ވިދާލައިފައެވެ. ކަގިލިއަރީ އާއި ރޯމާގެ އިތުރުން ނަޕޯލީ އާއި އިންޓަ މިލާނަށްވެސް މޮރިއޭރޯ ކުޅެފައިވާ އިރު، އޭނާ ވަނީ އިންޓަ މިލާނާއެކު 1997-98 ގެ ޔޫއެފާ ކަޕް، ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. މޮރިއޭރޯއާއެކު އިންޓައަށް ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ އާއި އާޖެންޓީނާގެ ހާވިއާ ޒެނެޓީވެސް ހިމެނެއެވެ. މޮރިއޭރޯ ވަނީ އިޓަލީ ގައުމީ ޓީމަށްވެސް ކުޅެފައެވެ.

މިވަގުތު ޗުއްޓީގައި އިޓަލީއަށް ގޮސް ހުރި މޮރިއޭރޯ، އެގައުމުގެ "ލެ ރިބަޕްލީކާ" އަށް ދިން އިންޓަވިއުއެއްގައި ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.

"ހީކުރާހާ ފަސޭހަކަމެއް ނޫން ރާއްޖެއަށް ކޯޗުކަން ކޮށްދިނުމަކީ. ވަރަށް ގިނަ މީހުން އަހަންނާ ދިމާލަށް ބުނޭ، ހުރިހާ އެއްޗެއް ވިސްނޭ މީހެއް ނޫންހެއްޔޭ ތިއީ. އެއީ ފަސޭހައަކަށް ބުނާ ބުނުމެއް. އެކަމަކު އެއީ ފަސޭހަކަމެއް ނޫން. އަހަރެން ޓްރެއިން ކުރަން މިޖެހެނީ ނޮން ޕްރޮފެޝަނަލް ކުޅުންތެރިއެއް،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ ބުނީ ވަޒީފާ އަދާކުރަމުންދާ ކުޅުންތެރިންނާއެކު ތަމްރީނުތައް ކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، ޓާގެޓަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ބައެއް ކުޅުންތެރިންނަކީ ވަޒީފާއަށް ދާ ކުޅުންތެރިން. އެކުދިން ފުޓްބޯޅަ ކުޅޭ ހިތުން އެކަމުގެ ޝައުގުވެރިކަމާއެކު ވަރަށް މަސައްކަތް ކުރޭ. އެކަމަކު، ފުޓްބޯޅައިގެ ނަޒަރުން ބަލާ އިރު، އެހެން ކަމެއްގައި އުޅެގެން ފުޓްބޯޅައަށް އެއްކޮށް ފޯކަސް ކުރަން ފަސޭހަނުވާނެ. އަހަރެންގެ ހުރިހާ ވިސްނުމެއް މިހުރީ ރާއްޖޭގެ ޓީމަށް. އަހަރެމެން އެބަޖެހޭ ސަރަހައްދީ މުބާރާތް ކާމިޔާބުކުރަން، ޒުވާން ކުޅުންތެރިން ތަރައްގީ ކުރަންވެސް. ދެން، ހާއްސަ މުބާރާތަކަށް ކޮލިފައިވުމަކީ ވެސް އަމާޒެއް،" މޮރިއޭރޯ ބުންޏެވެ.

ގައުމީ ކޯޗުކަމާ އިޓަލީ ކޯޗު މޮރިއޭރޯ ހަވާލުވި ފަހުން މިހާތަނަށް 11 މެޗެއް ކުޅެފައިވެއެވެ. އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވި އިރު، ހަތަރު މެޗުން ބަލިވެފައިވެއެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރާއްޖެ މޮޅުވީ މިއަހަރު ބަންގުލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން މިދިޔަ އަހަރު ފަހުކޮޅު ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބްރުނާއީ ދާރުއްސަލާމާއި ލާއޯސް އަތުންނެވެ.

އިޓަލީ ނޫހަށް މޮރިއޭރޯ އިތުރަށް ބުނީ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގައި އަބަދުވެސް ގާއިމުވެ ހުންނަން ޖެހޭ ކަމަށާއި، އާއިލާއާ ދުރުގައި އެހެން ހުންނަން ޖެހުމަކީވެސް އެހާ ފަސޭހަކަމަކަށް ނުވާ ކަމަށެވެ. ހާއްސަކޮށް އެންމެ ހަގު ދަރި ސްކޫލަށް ދާތީ އޭނާގެ ކަންކަމާ މެދު ވިސްނަން ޖެހޭ ފަހަރު އަންނަ ކަމަށްވެސް މޮރިއޭރޯ ފާހަގަކޮށްފައިވެއެވެ.