ޚަބަރު

މިިދިޔަ އަހަރު ދައުލަތުގެ އާމްދަނީ 27.5 ބިލިއަނަށް، ޖެހި ހިސާބުތަކަށްވުރެ ރަނގަޅު ނަތީޖާއެއް

މުހައްމަދު ޖަމްޝަތް ވަހީދު

މިދިޔަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 27.5 ބިލިއަން ރުފިޔާ ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން 2022 ވަނަ އަހަރު ދައުލަތަށް ލިބޭނީ ޖުމުލަ 24.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ދައުލަތަށް 27.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ ދައުލަތުން މިދިޔަ އަހަރުގެ އާމްދަނީ އަންދާޒާ ކުރި ވަރަށްވުރެ 3.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާމްދަނީގެ ތަފާސް ހިސާބުތަކަށް ވަކިވަކިން ބަލައި އިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކެހުންނެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ޓެކުހުން 15.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް، އެ އަދަދު އިތުރުވެ ޓެކުހުން ލިބުނު އާމްދަނީ 19.1 ބިލިއަން ރުފިޔާއަށް އަރައެވެ. ޓެކުހުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އަހަރު ނިމޭއިރު ޖީއެސްޓީން ޖުމުލަ 7.6 ބިލިއަން ރުފިޔާގެ އާމްދަނީއެެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް، ޑިސެމްބަރުގެ ނިޔަލަށް ލިބުނު އާމްދަނީ 9.6 ބިލިއަނަށްވުރެ އިތުރެވެ. އޭގެ ތެރެއިން ޓޫރިޒަމްގެ ޖީއެސްޓީން އެކަނިވެސް 6.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާއެވެ. ނަމަވެސް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 4.2 ބިލިއަނަށްވުރެ އިތުރު އާމްދަނީއެއް ވިޔަފާރިއާއި ޕްރޮޕަޓީ ޓެކުހުގެ ގޮތުގައިވެސް ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރި ފައިދާގެ ޓެކުހުންނެވެ. ވިޔަފާރި ފައިދާއިން މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، ބަޖެޓުގެ އަންދާޒާއަކީ 1.2 ބިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކުހުގެ ހުރިހާ ބާވަތްތަކުންވެސް މިދިޔަ އަހަރު ލިބުނު އާމްދަނީ، އަންދާޒާއަށްވުރެ އިތުރެވެ. ޓެކްސް ނޫން އެހެނިހެން ގޮތްގޮތުންވެސް 6.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، ޑިސެމްބަރުގެ ނިޔަލަށް 8.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެކި ތަންތަނުން ނަގާފައިވާ ކުއްޔާއި ފީއިންނެވެ. އެގޮތުން އެކިއެކި ފީއާއި ޗާޖުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ބަޖެޓުގެ އަންދާޒާ އަކީ 1.5 ބިލިއަނެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާ އިރު، ރިސޯޓު ކުއްޔަށްވެސް 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޭގެ އިތުރުން ކެޕިޓަލް ރިސިޕްޓުގެ ގޮތުގައި 15.8 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ގްރާންޓުގެ ގޮތުގައި ލިބިފައިވަނީ 331 މިލިއަން ރުފިޔާއެވެ.