ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާއާ އަލަށް ހަވާލުވެވަޑައިގެންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށްވާތީ، ފުއްގިރި މައްސަލައިން ތަނާޒުލްވާންޖެހޭ ކަމަށް އެ މައްސަލަ ރައްދުވާ ފަރާތްތަކުން ކޯޓުގައި މިއަދު ބުނެފިއެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރެއެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
މި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ. ރިޒާގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާއެވެ. އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.
މި ހުރިހާ ދައުވާއެއް ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ އެކުއެކީގައެވެ.
މީގެކުރިން މި ދައުވާތައް ކުރިއަށް ގެންދެވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާކުރި ވ.އާރަށު މައްސަލައިގައި ހުކުމް އިއްވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. ނަމަވެސް މިދިޔަ މަހު ގާޒީ ޝަކީލް ވަނީ މި މައްސަލައިން ތަނާޒުލުވެފައެވެ.
އެހެންކަމުން ކުރިމިނަލް ކޯޓުގެ މި މައްސަލައިގެ އަޑުއެހުމުގައި އިންނެވީ، މި މައްސަލައާ އަލަށް ހަވާލުވެވަޑައިގެންނެވި ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށްދިޔައީ މިހާތަނަށް ދައުވާ ގޮސްފައިވާ ހިސާބު ގާޒީ އޮޅުންފިލުވުމެވެ.
ނަމަވެސް އެ ކަންތައްތަކުގެ ތެރެއިން ދައުވާ ރައްދުވާ ދެ ފަރާތް ކަމަށްވާ، ކުރިކް ރިޒާގެ ފަރާތުންނާއި ރައީސް ޔާމީންގެ ފަރާތުން ވަނީ، ގާޒީ ނަދީމު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައިފައެެވެ.
އެކަން އެންމެ ފުރަތަމަ ފާހަގަކުރެއްވީ ރިޒާގެ ވަކީލު ހުސްނީ މުބާރިކެވެ.
މި މައްސަލައިން ގާޒީ ނަދީމް ތަނާޒުލުވާން ޖެހޭ ހާލަތެއް އޮތްކަން ފާހަގަކުރައްވައި ވަކީލު ހުސްނީ މުބާރަކު ވިދާޅުވީ، އަދީބަކީ މި މައްސަލައިގައި ހެކިބަސް ދޭން ހަމަޖެހިފައިވާ ފަރާތެއް ކަމަށާއި، ގަޒީ ނަދީމު ވަނީ އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ކަމަށެވެ.
ވަކީލުގެ ވާހަކަތަކާ ގުޅިގެން، މި މައްސަލައިގައި ފުށުއަރާ މަސްލަހަތު ތަފްސީލުކޮށްދޭން ވަކީލުގެ ކިބައިން ގާޒީ ނަދީމު އެދިވަޑައިގެންނެވިއެވެ. ޖަވާބުދެއްވަމުން ވަކީލު ވިދާޅުވީ، ނައިބު ރައީސްކަމުގެ މަގާމުން އަދީބު ވަކިކުރި ފަހުން އޭނާއަށް ކުރި ތުހުމަތަކާ ގުޅިގެން އޭނާގެ ވަކީލެއްގެ ގޮތުގައި ނަދީމު މަސައްކަތް ކުރައްވާފައިވާ އިރު، މި މައްސަލައަކީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިގެން އަދީބު ހެކިބަސް ދޭ މައްސަލައެއް ކަމަށެވެ. އެކަން ފާހަގަކޮށް އަދީބުގެ މަސްލަހަތެއް އޮތް ކަމަށް ވިދާޅުވިއެވެ.
ވަކީލު ހުސްނީ މުބާރަކުގެ ވާހަކަތަކަށް ތާއީދުކުރައްވައި، ރައީސް ޔާމީންގެ ވަކީލުވެސް ވިދާޅުވީ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިގެން އަދީބު ހެކިބަސް ދޭއިރު، ޔާމީނާ މެދު ޒާތީ ކަމެއް ގެންގުޅުއްވާ ކަމަށެވެ. އަދި ވަކީލެއްގެ ގޮތުގައި ގާޒީ ނަދީމް އަދީބަށް އެހީތެރިވި ބަންދުގެ މައްސަލައަކީ ފިނިފެންމާ ލޯންޗުގެ މައްސަލަ ކަމަށާއި އެއީ ޔާމީނާ ގުޅުން އޮތް މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ގާޒީ ނަދީމު ވިދާޅުވީ، އޭނާ އަދީބުގެ ވަކީލެއްގެ ގޮތުގައި އުޅުއްވާފައި ވާނީ ބަންދު އިސްތިއުނާފު ކުރުމާ ބެހޭ މައްސަލައެއްގައި އެކަނި ކަމަށެވެ. އެހެންކަމުން މަސްލަހަތު ފުށުއަރާ ސަބަބެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް، ގާޒީ ތަނާޒުލުވުމާ ބެހޭގޮތުން އެ ފަރާތްތަކުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި، އެކަމާ މެދު އިތުރަށް ވިސްނަވައި ނިންމަވާ ގޮތެއް ދެން އޮންނަ އަޑުއެހުމެއްގައި އަންގަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.