ފަލަސްތީނުގެ ބިންތަކަށް އިޒްރޭލް ވެރިވެގަނެގެން އުޅޭ އުޅުމާމެދު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ގާނޫނީ ލަފައެއް ހޯދުމަށް އދ. ގެ އާއްމު މަޖިލީހުން ވަނީ މިހަފުތާގައި ގަރާރެއް ފާސްކޮށްފައެވެ. ވަރަށް ފޯރިގަދަ ބަހުސްތަކަކަށްފަހު މި ގަރާރާ އެއްކޮޅަށް 87 ގައުމުން ވޯޓުދީފައިވާއިރު ދެކޮޅުހެދީ 26 ގައުމަކުންނެވެ. ވަކިއަތަކަށް ނުޖެހި ތިބީ 53 ގައުމެވެ. ހުޅަނގުގެ ގައުމުތައް ބެހިގެންދިޔައީ ތިންބަޔަކަށެވެ. އަރަބި އަދި އިސްލާމީ ގައުމުތަކުން ދެއްކީ އެކުވެރިކަމެވެ. ދާދިފަހުން އިޒްރޭލާ ސިޔާސީ ގުޅުން ގާއިމުކުރި އަރަބި ގައުމުތަކާއި ރަޝިޔާއާއި ޗައިނާއިންވެސް ވޯޓު ދީފައިވަނީ ގަރާރާ އެއްކޮޅަށެވެ. އިޒްރޭލާއި އެމެރިކާޔާއި އިނގިރޭސިވިލާތާއި ޖަރުމަންވިލާތް ހިމެނުނީ ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައެވެ. ފްރާންސުން ވަކިއަތަކަށް ނުޖެހެއެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ އައިސީޖޭއަކީ ދުނިޔޭގެ ފަނޑިޔާރުގެއެވެ. މި ފަނޑިޔާރުގެ ގާއިމުވެގެންވަނީ ހޮލެންޑުގެ ދަހޭގުގައެވެ. ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ އެކި ކަހަލަ މައްސަލަތަކުގައި ނިޔާ އިއްވުމުގެ ބާރު ލިބިގެންވަނީ މިކޯޓަށެވެ. އެފަރާތުގެ ނިންމުންތަކާއި ރައުޔަކީ އަމަލުކުރުމާއި އިހުތިރާމްކުރުން ލާޒިމު އެއްޗެކެވެ. ހަމަކޮންމެ ގައުމަކަށެވެ. އެހެންނަމަވެސް ދެރަކަމަކީ ކަންކަން ތަންފީޒުކުރުމުގެ ބާރު މި ކޯޓަށް ލިބިގެންނުވާ ކަމެވެ. ތަންފީޒީ ބާރު ލިބިގެންވާ ފަރާތަކީ އދ. ގެ ސަލާމަތީ މަޖިލީހެވެ. އެ މަޖިލީހުގައި ވީޓޯގެ ބާރުލިބިގެންވާ ފަސް ގައުމުންކުރެ ގައުމަކުން ދެކޮޅުހަދައިފިނަމަ އެއްވެސް ކަމެއް ތަންފީޒެއް ނުކުރެވޭނެއެވެ. ކޮންމެއަކަސް އދ. ގެ ޖެނެރަލް އެސެމްބްލީން މިގަރާރު ފާސްވުމަކީ ފަލަސްތީނުގެ ޑިޕްލޮމަސީއަށް ލިބުނު ނުހަނު ބޮޑު ކާމިޔާބީއެކެވެ.

ދުނިޔޭގެ ކޯޓުން މިމައްސަލައިގައި އަދި ރައުޔެއް ނުދިނަސް އެފަރާތުގެ ރައުޔު ހޯދުމަށް ދުނިޔޭގެ ދަރުބާރުން ނިންމުމަކީ ހަގީގަތުގައިވެސް ކުރިއަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ. އުސޫލުތަކާއި ގާނޫނުން ބޭރުގައި ލައްކަ ގިނަ ދުވަސް އިޒްރޭލުން ހޭދަކޮށްފިއެވެ. އެހެންވީމާ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވާން އިޒްރޭލަށް މަޖުބޫރު ކުރުވުމަކީ މިހިނދަށް ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެކެވެ. މާބޮޑަށްވެސް ލަސްވެފައި އޮތް ކަމެކެވެ. އާއްމު މަޖިލީހުގެ ގަރާރަކީ މިކަންކުރުމަށްޓަކައި ކުރިއަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ސަރުކާރުންވެސް ބުނެފައިވަނީ މިހެންނެވެ. މިއީ އިޒްރޭލުގެ އައު ސަރުކާރަށް ދެވުނު ނުހަނު ސާފު މެސެޖެކެވެ. ފަލަސްތީނުގެ މައްސަލަ ކާޕެޓުގެ ދަށަށްލައި ނުފޮރުވޭނޭކަން ބުނެދިނުމެއްވެސްމެއެވެ.

ގަރާރު މިއައީ ވަރަށްވެސް މުނާސަބު ވަގުތެއްގައެވެ. އިޒްރޭލުގެ ތާރީޚުގައިވެސް އެކުލަވައިލެވުނު އެންމެ ހަރުކަށި ސަރުކާރު ވެރިކަމާ ހަވާލުވިތާ އެއްދުވަސް ފަހުންނެވެ. މިސަރުކާރު ވެރިކަމަށް އައީވެސް ފަލަސްތީނުގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރިކޮށް މުޅި ފަލަސްތީނު ޔަހޫދީކުރުމުގެ ވައުދުތަކާއެކުގައެވެ. ނުބައިވެގެންވާ ބިރުވެރި އެޖެންޑާއަކާއެކުގައެވެ. ގަރާރު ފާސްވިޔަނުދޭން އެމެރިކާ އާއި އިނގިރޭސީންގެ އެހީތެރިކަމާއެކު އިޒްރޭލުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ބިރުދެއްކުމާއި އިންޒާރުތަކުގެ ތެރެއިންނެވެ. ގަރާރާ އެއްކޮޅަށް ވޯޓުދިން 87 ގައުމުން އެކަންކުރީ ބިރަކަށް ބެލުމެއްނެތިއެވެ. އިންސާފާއި ހަމަހަމަކަމަށްޓަކައެވެ. އެހުރިހައި ގައުމުތަކަށް ފަލަސްތީނުން ވަނީ ސާބަހޭ ބުނެ ޝުކުރު އަދާކޮށްފައެވެ.

އާއްމު މަޖިލީހުން ފާސްކުރި ގަރާރުގައި އެދިފައިވާ ލަފަޔަކީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން އިސްތިއުމާރުކުރުމާއި، ޔަހޫދީން ވަޒަންވެރިކުރުމާއި، އިޒްރޭލުގެ ސިޔާދަތީ ހައްގުއޮތް ތަންތަން ކަމަށް ނިންމުމާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ފޭރިގަތުމަށް އެކި ނަންނަމުގައި ގާނޫނުތައް ހެދުމާއި، އިރުމަތީ ގުދުސްގެ އަރަބި އާބާދީ މަދުކުރުމާއި ޔަހޫދީކުރުންފަދަ ކަންކަމުގެ ސަބަބުން ނުކުމެފައިވާ އަދި ނުކުންނަމުންދާ ނަތީޖާތަކާމެދު ގާނޫނީ ލަފައެކެވެ. އަދި މިކަންކަމުގެ ސަބަބުން އުފެދިފައިވާ ގާނޫނީ ގޮންޖެހުންތަކާމެދު އައިސީޖޭގެ ލަފައެކެވެ. މައްސަލައިގައި ޝާމިލްވާ އެންމެހައި ފަރާތްތަކުގެ ހައްގުތަކަށް އައިސްފައިވާ އުނިއިތުރާމެދުވެސް ގާނޫނީ ލަފައެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ހިފާފައިވާ އެންމެހައި ބިންތަކުގެ މައްސަލައިގައި އައިސީޖޭގެ ރައުޔަކަށެވެ.

އައިސީޖޭއިން މީގެކުރިންވެސް އެއްފަހަރަކު ފަލަސްތީނާ ގުޅޭގޮތުން ގާނޫނީ ލަފައެއްވަނީ ދީފައެވެ. އެއީ ހުޅަނގު އައްސޭރިޔާއި އިރުމަތީ ގުދުސް ހިމެނޭނޭހެން ބޮޑުފާރެއް ރާނައި ފަލަސްތީނުގެ ރައްޔިތުން އެކަހެރިކުރުމަށް އިޒްރޭލުން ކުރި މަސައްކަތާމެދު 2004 ގައި ނެރެފައިވާ ރައުޔެކެވެ. އައިސީޖޭއިން އެފަހަރު ބުނެފައިވަނީ އިޒްރޭލުގެ އަމަލުތަކަކީ ކަނޑައެޅިގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާއެއް ކަމުގައެވެ. އިޒްރޭލުން މިކަން ސިފަކުރީ ދުނިޔޭގެ ކޯޓު ސިޔާސީވުމެއްގެ ގޮތުގައެވެ. މިފަހަރު އދ. ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރުވެސް އިޒްރޭލުން ސިފަކޮށްފައިވަނީ އަޚުލާގީގޮތުން ހަފުސްވެފައިވާ އދ. ގެ ހުތުރު މޫނު ދުނިޔެއަށް ދެއްކުމެއްގެ ގޮތުގައެވެ. އިޒްރޭލުން އަމަލުކުރާނޭ ގޮތަކާއި ނުކުރާނޭގޮތް އދ. މަޖިލީހުގެ ވޯޓަކުން ނުނިންމޭނޭ ކަމަށާއި ތަބާނުވާނޭ ކަމަށްވެސް ބުނެފައިވެއެވެ. އިޒްރޭލުން ކިތަންމެ ވަރަކަށް ދެކޮޅުވެރިކަން ފާޅުކުރިއަސް ދުނިޔޭގެ ރައުޔަކީ ބޭކާރު އެއްޗެއްކަމުގައި ނުހެދޭނެއެވެ. ދުނިޔޭގެ ގިނަ ބައެއްގެ ވިސްނުމަކީ ބާތިލް ވިސްނުމެއް ކަމަށްވެސް ނުހެދޭނެއެވެ.