ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ޒަމާނީ ފިއުލް ޝެޑް ހުޅުވައިފިއެވެ.

މި ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށާފައިވަނީ އިއްޔެއެވެ.

ދެވަނަ ފިޔަވައްސަށް އަރާ ޗެނަލް ކައިރީގައި ހޯކްސް އިން ތަރައްގީކުރި މި ޝެޑުން ރާއްޖޭގައި އެއްވެސް ފިއުލް ޝެޑަކުން މިހާތަނަށް ނުލިބޭ ތަފާތު އެތައް ހިދުމަތްތަކެއް ލިބެން ހުރެއެވެ. އެގޮތުން ފިއުލް ޝެޑުގައި ކޮންވީނިއަންސް ފިހާރައަކާއި ކާރާއި ސައިކަލު ދޮވެލެވޭ އޮޓޮމެޓިކް ސިސްޓަމްތަކެއް ހުރެއެވެ. މި ސިސްޓަމްތަކުން ގާތްގަނޑަކަށް އަށް ވަރަކަށް މިނެޓު ތެރޭގައި ކާރާއި ސައިކަލު ދޮވެލެވެއެވެ. ކާރެއް ދޮވެލުމަށް ނަގަނީ 199 ރުފިޔާގެ އަގެކެވެ. އަދި ސައިކަލަކަށް ނަގަނީ 80 ރުފިޔާއެވެ.

މި ޝެޑުގެ އެންމެ ތަފާތު އެއް އަދި ހާއްސަ ކަމަކީ ޕްރިމިއަމް ކޮލިޓީގެ ޕެޓްރޯލް ލިބެން ހުރުމާއި ސެލްފް ސާވިސް ނުވަތަ އަމިއްލައަށް ތެޔޮ އެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައި ހުރުމެވެ. އާއްމުކޮށް ބޭނުންކުރާ ޕެޓްރޯލް ލީޓަރެއް 15.97 ރުފިޔާއަށް ލިބޭއިރު ޕްރިމިއަމް ޕެޓްރޯލް ލީޓަރެއް ވިއްކަނީ 19.90 ރުފިޔާ އަށެވެ.

އޭގެ އިތުރުންވެސް މި ޝެޑުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފައިސާ ދައްކަން ހާއްސަ، ޓޮޕްއަޕް ކުރެވޭ ޕްރީޕެއިޑް ކާޑެއް ދޫކުރެއެވެ. މިއީ އެ ޝެޑުން ދޭ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި އިތުރު ލުޔެއް ކަސްޓަމަރުންނަށް ދިނުމަށްޓަކައި ތައާރަފުކުރާ "ޓަޗް އެންޑް ގޯ" ޕްރީޕެއިޑް ކާޑެއް ކަމަށް ހޯކްސް އިން މައުލޫމާތު ދެއެވެ. މި ކާޑު ދޫކުރުމާއި ކާޑު ޓޮޕްއަޕް ކުރުމުގެ ހިދުމަތް ޝެޑުގައި ހުންނަ ކޮންވީނިއަންސް ފިހާރައިން ލިބޭނެއެވެ.