އިގާތިސާދީ މިދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވަނީ އެކަމުން ސިޔާސީ މަންފާއެއް ހޯއްދަވަން ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށް ރައީސް ސޯލިހު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން، މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރާނެ ކަމަށް އައިއެމްއެފުން ބުނެފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ކުރިއަރަމުންދާކަން ފާހަގަކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އަމީރު ވިދާޅުވީ، ރައީސް އަބަދުވެސް އިސްކުރައްވަނީ ގައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމަަށެވެ.
"އަވަށްޓެރި ގައުމުތަކުން އަޅުގަނޑުމެންނަށް ފެނިގެންދާ ހަގީގަތަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި އިގުތިސާދީ ސިޔާސަތުތައް ކޮމްޕްރޮމައިޒްވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަން ޖެހެނީ ވަރަށް ހިތިކޮށްކަން،" އަމީރު ވިދާޅުވިއެވެ.
އައިއެމްއެފްގެ ސްޓާފް ވިޒިޓަށްފަހު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ބާރަށް ކުރިއަރަމުންދާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، މިއީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދުން މިދިޔަ ޖޫން މަހުގެ 21 އިން 29 އަށް ރާއްޖެއަށް ކުރި ދަތުރަށްފަހު އެ ވަފުދުގެ ރިޕޯޓް އެ އެޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން މަޝްވަރާކުރުމަށްފަހު އެ ފަރާތްތަކުން ދެކޭ ގޮތުގެ ބަޔާނެއް ހުސްވި މަހު ވަނީ ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2022 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުންނާނީ 10.5 ޕަސެންޓުގައި ކަމަށާއި މި އަހަރު ރާއްޖޭގެ އިގުތިސާދު 6.6 ޕަސެންޓް ކުރިއަރާނެ ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އިގުތިސާދު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު