ބްރެޒިލްގައި ހުސްވި އަހަރުގެ އޮކްޓޫބަރު ތިރީސްވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ލުއިސް އިނާސިއޯ ލޫލާ ޑަަސިލްވާ މިރޭ މަގާމުގެ ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ. އައު ރައީސާ ވެރިކަން ހަވާލުކުރެއްވުމަށް ގައުމުގައި މަޑުކުރެއްވުމުގެ ބަދަލުގައި މިހާތަނަށްވެސް ރައީސްކަމުގައި ހުންނެވި ޖައިރު ބޮލްސޮނާރޯ ވަނީ ގައުމު ދޫކުރައްވައި އެމެރިކާގެ ފްލޮރިޑާއަށް ވަޑައިގެންފައެވެ. މިއީ އުމުރުފުޅުން 77 އަހަރުވީ ލޫލާ ޑަސިލްވާ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ މަންޒަރު ނުބެއްލެވުމަށާއި ހިތަށް އަނިޔާ ނުދެއްވުމުގެ ގޮތުން ވަޑައިގެންނެވި ވަޑައިގެންނެވުމެކެވެ. ބޮލްސޮނާރޯ ހާޒިރުވެވަޑައިގެން ނެތަސް ދުނިޔޭގެ ސަތާރަ ގައުމެއްގެ އެންމެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ބްރެޒިލްގައި އިންތިޚާބު ބޭއްވުމާއި މަގާމާއި ހަވާލުވުމުގެ ރަސްމިއްޔާތު ބޭއްވުމާއި ދޭތެރޭގައި ވޭތުވެފައިވަނީ ބަރާބަރު ދެމަހުގެ މުއްދަތެކެވެ. މި ދެމަހުގެ ތެރޭގައި އޮތީ ވެރިކަން އޮމާންކަމާއި އަމާންކަމާއެކު ހަވާލުކުރުމަށް މަގުފަހިކުރުމުގެ ކަންކަމެވެ. އެކަމަކު ބޮލްސޮނާރޯގެ ފަރާތުން ފެނިފައިވަނީ އެއްބާރުލުން ނުދެއްވުމާއި އައު ޓީމަށް ހުރަސްއެޅުއްވުމަށް ކުރެވެންއޮތްހައި ކަމެއް ކުރެއްވުމުގެ ސިފައެވެ. ކުއްލި އަމުރު ހިންގަވައި ގާނޫނުއަސާސީ އުވާލައްވައި އަސްކަރިއްޔާ ނެރުއްވައިގެން ވެރިކަމުގައި ދެމިހުންނެވުމަށްވެސް އޭނާ ޚިޔާލު ކުރެއްވިއެވެ. ސިފައިން އެކަމަށް އެއްބަސްނުވީއެވެ. ގައުމުގައި ހަމަނުޖެހުން ހިންގައި ހަލަބޮލިކޮށްލުމަށް ބޮލްސޮނާރޯގެ ސަޕޯޓަރުން ވަރަށް ބޭނުންވިއެވެ. މީގެ ދުވަސްކޮޅެއް ކުރިންވެސް ޓްރަކް ބޮމެއް ގޮއްވައިލާން އުޅުނު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އައު ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ދިހަބާރަހާސް މީހުން ހަރަކާތްތެރިވާނެއެވެ. މިއީ މިހާތަނަށް ދުވަހަކުވެސް ސަލާމަތީ ކަންކަމަށް ދީފައިނުވާވަރުގެ ބޮޑު ސަމާލު ކަމެކެވެ. ދައުރު ހަމަކުރައްވައި ވެރިކަމުން ވަކިވެވަޑައިގަންނަވާ ރައީސް މި ރަސްމިއްޔާތުން ނުފެނުމަކީ އާދަކާދަތައް ނިޔާކުރާގޮތުން ވަރަށް ބޮޑު ފަޅުކަމެކެވެ. އައު ރައީސާ ރިޔާސީ ސޭޝް ހަވާލުކުރައްވަނީ އަބަދުވެސް ދައުރު ހަމަކުރައްވާ ރައީސެވެ. މިފަހަރު އެކަން ކުރައްވާނީ އެހެން ބޭފުޅެކެވެ. ސޭޝް ހަވާލުކުރުން އޮންނަނީ ގާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި މަގާމުގެ ހުވައި ކުރެއްވުމަށްފަހު ވެރިރަށް ބްރެޒީލިއާގައި ހުންނަ ރިޔާސީ ކިއްލާއަށް ވަޑައިގަތުމުން އެތާގެ ދޮރުމަތީގައެވެ.
މިއީ ޓީވީތަކުން ލައިވްކުރާ ވަރަށްވެސް މުހިއްމު އިހުތިފާލެކެވެ. އެތައްހާސް ބަޔަކު އެއްވެގެން ކުރާކަމެއްވެސްމެއެވެ. މިކަން ނުކުރައްވާންވެގެން ބޮލްސޮނާރޯ ގައުމު ދޫކުރައްވައި ވަޑައިގެންނެވިއަސް އައު ރައީސާ ސޭޝް ހަވާލުކުރުން އޮންނާނެއެވެ. ނޭނގެނީ އެކަން ކުރައްވާނީ ކޮން ބޭފުޅެއްކަމެވެ. ބްރެޒިލްގައި 1965 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރަށް އަސްކަރިއްޔާއިން ކުރި ޚުދުމުޚުތާރު ވެރިކަން ނިމި، ޑިމޮކްރަސީ ތައާރަފުވިފަހުން މެދުނުކެނޑި މިކަމަކީ މިހާތަނަށް ދެމިގެން އައިސްފައިވާ ކަމެކެވެ. ލޫލާ ޑަސިލްވާ މަގާމަށް މިވަޑައިގަންނަވަނީ ތިންވަނަ ފަހަރަށެވެ. މީގެކުރީގެ ދެފަހަރު ސޭޝްއާ ހަވާލުވެވަޑައިގަތީ އުސޫލާއި އާދަކާދައިގެ ތެރެއިންނެވެ. ދައުރު ހަމަކުރައްވައި ރައީސްގެ ހާޒިރުގައެވެ. މިފަހަރު އެކަން ތަފާތުވިޔަސް ލޫލާގެ މައްސަލައެއް ނެތެވެ.
ބްރެޒިލްގެ ގޯލްޑާއި ފެހިކުލައިގެ ސޭޝް އަޅުއްވައިގެން ރިޔާސީ ކިއްލާގެ ތެރެއަށް ވަދެވަޑައިގެން އެހިސާބުން ފަރުޖައްސައިލެވޭކަށް ނެތެވެ. އައު ރައީސް ލޫލާ އާއި އޭނާގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ގިނަގުނައެވެ. އެންމެ ވަގުތުކޮޅެއްވެސް ނަގާނުލައި ފުރަތަމަ ދުވަހުން ފެށިގެންވެސް އޮތީ ބުރަ މަސައްކަތެވެ. ބްރެޒިލްއަކީ ލެޓިން އެމެރިކާގެ އެންމެ ބޮޑު އިގްތިސާދެވެ. އެންމެ ބޮޑު އާބާދީއެވެ. ބްރެޒިލްގެ އެމޭޒަން ޖަންގައްޔަކީ ދުނިޔޭގެވެސް އެންމެ ބޮޑު ފެހި ޖަންގައްޔެވެ. ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވައި އެމޭޒަން ޖަންގަލި ހިމާޔަތްކުރުމަކީ ލޫލާގެ އެންމެ ބޮޑު ވައުދެވެ. އެންމެ ބޮޑު ގޮންޖެހުމަކީ މިކަންކަން ކުރުމެވެ. ބޮލްސޮނާރޯ ބަލިވިއަސް ގާނޫނުހަދާ މަޖިލީހުގައި ގިނައީ ބޮލްސޮނާރޯގެ ސަޕޯޓަރުންނެވެ. އެމީހުންގެ ގަސްތަކީ ލޫލާ ހުއްޓުވުމެވެ.
ބްރެޒިލްގެ އާބާދީއަކީ ގާތްގަނޑަކަށް 215 މިލިޔަނެވެ. އޭގެތެރެއިން 30 މިލިޔަނަކީ އިންތިހާ ދަރަޖައިގެ ފަގީރުންނެވެ. ލޫލާގެ ރަނިންމޭޓް ޖެރާލްޑޯ އަލްކްމިން ވިދާޅުވެފައިވާ ފަދައިން ވައުދުތައް ފުއްދުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. ހަނިމޫން ހަދަން ތިބެގެން ކުރެވޭނޭ ކަމެއް ނޫނެވެ. ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރިއަށްދާން އޮތް މަގު ސާފުކޮށް އަލިނުކުރެވުނިއްޔާ ދެން އެކަމެއް ނުވެސްވާނެއެވެ. މިކަން ނުކުރެވުނިއްޔާ ބޮލްސޮނާރޯ އެނބުރި ވެރިކަމަށް ވަޑައިގަންނަވާނެއެވެ. އަލްކްމިން އެވިދާޅުވީ ވަރަށްވެސް ބޮޑު ތެދެކެވެ. ބޮލްސޮނާރޯ އެހުންނެވީ ލޫލާގެ ސަރުކާރު ފޭލްވާނޭ ކަމަށް ޔަގީން ކުރައްވައިގެންނެވެ. ސަޕޯޓަރުންނަށް ވިދާޅުވިއެވެ. ދެރަނުވާށެވެ. ކުރިމަގު އޮތީ ނުހަނު ބޮޑަށް އުޖާލާވެގެންނެވެ. ލޫލާގެ މިސާލަކީ ސައިބޯނިބޮތްކެއްގެ މިސާލެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ