މީގެ ތިން ދުވަސް ކުރިން ގެއްލިގެން ހޯދަމުންދާ ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ގެއްލިގެން ހޯދަމުންދާ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އާއި ބަންގުލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން (35އ) ދަތުރުކުރި ތެޔޮ ބޯޓު، އެއާޕޯޓް ނެރުކައިރިން އޮޔާދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާ ކަމަށެވެ. ނަމަވެސް ބޯޓުގައި އެއްވެސް މީހަކު ހުރި ކަމަކަށް ނުބުނެއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ބޯޓު ފުރީ މިދިޔަ ބުދަ ދުވަހު ވިލިމާލޭން ކަމަށެވެ. ނަމަވެސް އެ މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
ނިޒާމުގެ ދައްތަ ޝަހުދާ އަބްދުﷲ "ވަން" ބުނި ގޮތުގައި، ނިޒާމު ގެއްލިގެން އުޅޭކަން އާއިލާއަށް އެނގުނީ ފުލުހުންގެ ފަރާތުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުންގެ އައިއޯއެއް އޭނާއަށް ގުޅައި ނިޒާމުއާ ފޯނުން ގުޅުނީ ކޮންއިރަކުތޯ ސުވާލުކުރި ކަމަށާއި އަދި ނިޒާމު ދަތުރުކުރި ތެޔޮ ބޯޓު، ހުޅެލެއާއި ހުޅުމާލެއާ ދޭތެރެއިން އިންޖީނު ނިއްވާލާފައި އޮއްވައި ފެނިފައިވާ ކަމުގެ މައުލޫމާތު ދިން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު