އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ބްރައިޓަން ކައިރިން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިއެވެ.

އާސެނަލުން ރަށުން ބޭރުގައި ރޭ ބްރައިޓަން ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ މެޗުން ހޯދި ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެޓީމަށް 16 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 16 މެޗުން 36 ޕޮއިންޓާއެކުގައެވެ. އަހަރު ނިމުނު އިރު، ތާވަލުގެ އެއްވަނައިގައި ރަނގަޅު ލީޑެއް ނެގުމާއެކު 2003 ވަނަ އަހަރު ފަހުން އާސެނަލުން ލީގު ތަށްޓެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު އުއްމީދެއް ވަނީ ލިބިފައެވެ.

ބްރައިޓަނުން މި ސީޒަނުގެ މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އެޓީމު ކައިރީގައި އާސެނަލް ފެށުން ވެސް ރަނގަޅުކުރިއެވެ. މެޗުގެ ތިންވަނަ މިނެޓުގައި ބުކަޔޯ ސަކާގެ ޖެހި ގޯލުން އާސެނަލް ލީޑު ނެގިއެވެ. އެ ގޯލާއެކު ފޯމު ރަނގަޅަށް ކުޅެމުންދިޔަ އާސެނަލް ހާފު ނިމުމުގެ ކުރިން ލީޑު ފުޅާ ކުރިއެވެ. އާސެނަލަށް ލީޑު ފުޅާކޮށްދިނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މާޓިން އޮޑެގާޑެވެ.

ދެވަނަ ހާފަށް ނުކުމެ އާސެނަލުން ތިން ވަނަ ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކުރިއެވެ. އެ ގޯލް ޖަހައިދިނީ އެޑްވާންޑް އެންކެޓިއާއާ އެވެ. ވޯލްޑް ކަޕްގައި އާސެނަލްގެ ފޯވަޑް، ބްރެޒިލްގެ ގެބްރިއަލް ޖީސަސްއަށް ވި އަނިޔާއާއެކު އެންކެޓިއާއަށް ފުރަތަމަ 11 އިން ފުރުސަތު ލިބެން ފެށުމާއެކު އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން ވޯލްޑް ކަޕަށްފަހު އާސެނަލުން ކުޅުނު ދެމެޗުގައިވެސް އެންކެޓިއާ ވަނީ ގޯލް ޖަހައިފައެވެ.

މެޗު ފޯރިގަދަ ވެގެން ދިޔައީ ބްރައިޓަނުން ކުޅުން ރަނގަޅުކޮށް، ގޯލެއް ޖެހި ހިސާބުންނެވެ. މެޗުގެ 65 ވަނަ މިނެޓުގައި ކައޮރޯ މިޓޯމާ ޖެހި ގޯލުން ބްރައިޓަން ހިތްވަރު ހޯދައި ކުރިއަށް ޖެހި ކުޅެން ފެށިއެވެ. އެ ދަނޑިވަޅުގައި އާސެނަލުން ކައުންޓާއަކަށް ވިސްނައި، އަނެއްކާވެސް އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލަކީ އޮޑެގާޑްގެ ހިތްގައިމު ތުރޫ ޕާހަކަށް ދުވެ، ގެބްރިއަލް މާޓިނެލީ ޖެހި ގޯލެކެވެ.

ބްރައިޓަނުން މެޗުގެ ފަހު މިނެޓާ ޖެހެންދެންވެސް އިތުރު ގޯލްތަކަށް މަސައްކަތް ކުރި އިރު، އެޓީމުގެ ދެވަނަ ގޯލަކީ 77 ވަނަ މިނެޓުގައި އިވާން ފާގަސަން ޖަހައިދިން ގޯލެކެވެ. އޭގެ ފަހުން މިޓޯމާ ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލަށް ފުރުސަތު ތަނަވަސް ކުރުމުގައި ބްރައިޓަންގެ ކުޅުންތެރިޔަކު އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.