ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރު ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ހޯދަމުން ދަނީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އަދި ބަންގުލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން (35އ) ކަމަށެވެ.
އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.
ގެއްލިގެން ހޯދާ ނިޒާމުގެ ދައްތަ ސައުދާ އަބްދުﷲ މިރޭ "ވަން" އަށް ބުނި ގޮތުގައި ނިޒާމު ގެއްލިގެން އުޅޭކަން އެންގުމަށް އިއްޔެ ފުލުހުން ގުޅި ކަމަށާއި އަދި އެންމެ ފަހުން ނިޒާމްއާ ފޯނުން ގުޅުނީ ކޮންއިރަކުތޯ ސުވާލުކުރި ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ނިޒާމު ދަތުރުކުރި ތެޔޮ ބޯޓު، ހުޅެލެއާއި ހުޅުމާލެއާ ދޭތެރެއިން އިންޖީނު ނިއްވާލާފައި އޮއްވައި، އެ ސަރަހައްދު މޫދުން ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ އުޅަނދަކަށް ފެނިގެން ފުލުހުން މައުލޫމާތު ދިން ކަމަށް ބުންޏެވެ.
ސައުދާ އިތުރަށް ކިޔައިދިން ގޮތުގައި ނިޒާމު ގެއްލުނުކަން އާއިލާއަށް އެންގުމަށްފަހު އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
ފުލުހުން މިރޭ ކުރި ޓުވީޓުގައި ވަނީ، ނިޒާމް އަދި ލިޓަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު