އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ ކައިރިން މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އުނދަގޫކޮށް ލިވަޕޫލުން ހޯދި މޮޅުގައި ލިވަޕޫލްގެ ދެ ގޯލަކީވެސް ލެސްޓާ ސިޓީގެ ބެލްޖިއަމް ޑިފެންޑަރު ވައުޓް ފާސް އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ.

ރޭގެ މޮޅާއެކު ލިވަޕޫލަށް ވަނީ ގަދަ ހަތަރަކަށް އުންމީދެއް ލިބިފައެވެ. މި ވަގުތު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 16 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 15 މެޗުން 29 ޕޮއިންޓެވެ. ލިވަޕޫލް ހަވަނައިގައި އޮތީ 16 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗު ފެށިގެން ފަސް މިނެޓް ތެރޭގައި ލެސްޓާއިން ލީޑު ނެގިއެވެ. ލިވަޕޫލްގެ ޑިފެންސް ތެރެއިން ދެމިގަނެ ލެސްޓާއަށް ގޯލް ޖަހައިދިނީ ކީރަން ޑިއުސްބަރީ-ހޯލްއެވެ. އެ ގޯލާއެކު ހަމަޖެހިލިތަނައި ލެސްޓާގެ ފޯވަޑް ޕަޓްސަން ޑަކާއަށް އަނިޔާވެ އޭނާ ބާލަން ޖެހުނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ލެސްޓާއަށް ފޯވަޑް ބަދަލުކުރަން ޖެހުނު އިރު، ބަދަލަކަށް ނުކުތީ ޖޭމީ ވާޑީއެވެ.

ލެސްޓާއިން ފުރަތަމަ ހާފު ލީޑުގައި ނިންމާލަން ދަނިކޮށް، މެޗުގެ 38 ވަނަ މިނެޓުގައި ލިވަޕޫލުން ނަތީޖާ ހަމަހަމަކުރިއެވެ. ފާސް އަތުން ބައިކޮޅަށް ވަން އެ ގޯލަކީ ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑް ނަގައިދިން ހުރަސް ސާފުކޮށްލަން ޖައްސާލި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޯލަށް ވަން ބޯޅައެކެވެ.

ހާފު ނިމެން ދަނިކޮށް ފާސްގެ އަތުން ބައިކޮޅަށް ދެވަނަ ގޯލް ވަދެފައިވާ އިރު، އެ ގޯލަކީ ޑާވިން ނުނޭޒްގެ ހަމަލާއެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ސާފުކޮށްލަން ފާސް ޖައްސާލި ބޯޅަ ގޯލަށް ވަދެގެން ލިވަޕޫލުން ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުގައިވެސް ލިވަޕޫލަށް ފުރުސަތުތައް ބޭކާރުކޮށްލުމުގެ މާޔޫސްކަމާ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. ދެވަނަ ހާފުގައި މުހައްމަދު ސަލާހަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ އަރިމަތިން ބޭރަށް ދިޔަ އިރު، ވަން އޮން ވަން ފުރުސަތެއްގައި ނުނޭޒަށް ލިބުނު ބޯޅަވެސް އޭނާ ބޭކާރު ކޮށްލިއެވެ.