ގައުމީ 60 ވަނަ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދި އިރު، ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފިއެވެ.
ރޭ ދީމާ ހޯދި ތަށްޓަކީ އަންހެން ސިންގަލްސްގައި އޭނާ ޖެހިޖެހިގެން ހޯދީ ތިންވަނަ ތަށްޓެވެ. އެ ތިން ތަށި ހޯދުމަށްވެސް، މިވަގުތު ތައިލެންޑްގައި ތަމްރީނު ހަދަމުންދާ ދީމާ ގައުމީ ފައިނަލްގައި ނުކުމެފައި ވަނީ އައިޝަތު ރަފާ ނާޒިމާ ދެކޮޅަށެވެ. ރޭގެ ފައިނަލް މެޗުގައި ދީމާ ހަތަރު ގޭމްވެސް ކާމިޔާބު ކޮށްފައިވާ އިރު، ދީމާ ގޭމްތައް ގެންދިޔައީ 15-13، 11-08، 11-09 އަދި 11-03 އިންނެވެ.
ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޝައްފާން ހޯދީ ފައިނަލުގައި މޫސާ މުންސިފް އަތުން މޮޅުވެގެންނެވެ. ފައިނަލު މެޗުން ޝައްފާން މޮޅުވީ މެޗުގެ މެދުތެރެއިން އަނިޔާގެ ސަބަބުން މުންސިފް މެޗު ދޫކޮށްލަން ޖެހުމުންނެވެ.
މުންސިފަށް އަނިޔާވެ މެޗު ދޫކޮށްލީ ހަތަރު ވަނަ ގޭމްގައެވެ. ހަތަރު ވަނަ ގޭމަށް ދިޔަ އިރު، ޝައްފާން ކުރީގައި އޮތީ ދެގޭމް އެއް ގޭމުންނެވެ. އެއީ 11-09، 09-11، 11-03 ގޭމްތައް ގޮސްގެންނެވެ.
މިފަހަރުގެ ޓީޓީ ގައުމީ މުބާރާތުގައި 65 ކުޅުންތެރިޔަކު ވާދަކޮށްފައިވާ އިރު، އަތޮޅު ތެރެއިން، ފުވައްމުލަކުންވެސް ޓީމެއް ބައިވެރިވެފައިވެއެވެ. އެޓީމުގެ ތަފާތު ވަރަށް ބޮޑަށް މުބަރާތުގައި ފެނިގެން ގޮސްފައިވެސް މެއެވެ. ޓީމު އިވެންޓްގެ އަންހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދި އިރު، ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އިހާ އެކަޑެމީއެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރަފާއާއި ޒާރާގެ ޕެއާއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަހްޔާރު އަހުމަދު ހާލިދާއި ޝައްފާންގެ ޕެއާއެވެ. ގައުމީ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީވެސް ދީމާއެވެ. ދީމާ ފައިނަލު މެޗު ކާމިޔާބުކުރި މިޝްކާ މުހައްމަދު އިބްރާހިމާ ވާދަކޮށްގެންނެވެ. 17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހްޔާރެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިޝްޔާ އަހުމަދު އާދަމެވެ. އެ އުމުރުފުރާގެ ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އުމައިރު މުހައްމަދު މުއިއްޒެވެ.
ރޭގެ ގައުމީ ފައިނަލްތައް ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.