ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ރަން މެޑަލާއެކު ތާރީހު ލިޔެލައިފިއެވެ.
މިއަދު ބަންގްލަދޭޝްގެ ކޮޒް ބާޒާރުގައި ކުޅުނު ފައިނަލްގައި ނޭޕާލްގެ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާގެ ޕެއާ ބަލިކޮށް، ކުޑަކާއްޓޭ އާއި އެޑަމް މިއަދު ހޯދީ، ބައިނަލްއަގުވާމީ މުބާރާތަކުން އަދި ސަރަހައްދީ މުބާރާތަކުންވެސް ބީޗްވޮލީގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.
އެޑަމް އާއި ކުޑަކާއްޓެގެ ޕެއާއިން ފައިނަލް މެޗުގެ ސެޓުތައް ގެންދިޔައީ 21-13، 21-19 އިންނެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އަދި ނޭޕާލްގެ އިތުރުން ދެން ވާދަކުރީ ކިރްގިސްތާނާއި ބޫޓާން އަދި ޕާކިސްތާނެވެ.
މިއީ ބައިނަލްއަގުވާމީ ލެވަލްގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަށް ލިބުނު ދެވަނަ މެޑައްޔެވެ. މީގެ ކުރިން މިދިޔަ މާޗް މަހު ސްރީ ލަންކާގައި ކުރިއަށްދިޔަ ކޮމަންވެލްތު ކޮލިފައިންގައި ވާދަކޮށް، އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާއިން ވަނީ ރިހި މެޑަލް ހޯދައިފައެވެ.
ރާއްޖޭގެ ބީޗްވޮލީގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ އިރު، ކޯޗު ވިނީޝިއުސް ޖޫނިއާ ހަވާލުވިފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދެ އެތުލީޓުންނަކީ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއެވެ. އެ ޕެއާއިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތާއި ކޮމަންވެލްތު ކޮލިފައިންގެ އިތުރުން، އިންގްލެންޑްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ދެއްކި ކުޅުން ފާހަގަކުރެވެއެވެ.