އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 27

އަބްދުﷲ ފާރޫގް ހަސަން

(23 ޑިސެމްބަރުގެ އަދަދާ ގުޅޭ)

މި ސިލްސިލާގައި ހިމެނޭ سلطـــان بــايـــزيــد ޔިލްދިރިމްގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ ޤުސްޠަންޠީނިއްޔާގެ ޤައިޞަރު أمـيـــــرتــيـــمــــــور އަށް ފޮނުއްވި ސިޓީއެއްގެ ވާހަކަ ބަޔާންކޮށްފައެވެ. ޤައިޞަރު އެސިޓީގައި ލިޔުއްވައިފައިވަނީ މުސްލިމުންގެ ނަބިއްޔާ صـلّــى اللّـــه عـليــه وسـلّــم ގެ ޙަޔާތްޕުޅުގައިވެސް ޤުސްޠަންޠީނިއްޔާ އޮތީ އެބޭފުޅުންގެ ރަސްކަންކަމުގެ ދަށުގައި ކަމަށާއި الخــلـفــاء الـــرّاشــــدون ވެސް އަދި އޭގެފަހުން އުމަވީ ދައުލަތުންވެސް ޢައްބާސީ ދައުލަތުންވެސް ގެންދެވީ އެބޭފުޅުންނާ ޞުލްޙަވެވަޑައިގަންނަވަމުން ކަމުގައްޔާއިޞުލްޙަނާމާ އައުކުރައްވަމުން ކަމުގައެވެ. ރޫމީންގެ އަތުން ޤުސްޠަންޠީނިއްޔާ އަތުލާން މުސްލިމުން މަސައްކަތްކޮށްފައި ނުވާކަމުގައެވެ. އެ ސިޓީގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ ޤައިޞަރު އެހެއްދެވީ އިތުރުފުޅެއް ކަމަށާއި، އެ މައުޟޫޢަށް އެނބުރިދާނެ ވާހަކަ ދަންނަވައިފައެވެ. ތުރުކިޔޭއިންގެ ކުރީން އުމަވީ ދައުލަތުންނާއި ޢައްބާސީ ދައުލަތުންނާއި ސަލްޖޫގީ ދައުލަތުންވެސް ޤުސްޠަންޠީނިއްޔާ ނުވަތަ އިސްތަންބޫލު ފަތަޙަކުރާން މަސައްކަތްކޮށްފައިވާތީއެވެ. ޙަޤީޤަތުގައި މުސްލިމުން އެރަށާމެދު ޝައުޤުވެރިވީ އެރަށުގެ ޖޯގްރަފީ ނުވަތަ ސިޔާސީ ނުވަތަ ވިޔަފާރީގެ އަހަންމިއްޔަތާހުރެއެއް ނޫނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ صـلّــى اللّـــه عـليــه وسـلّــم އެރަށާ ބެހޭގޮތުން ދެއްވައިފައިވާ ނިމުތުތަކަކާ ހުރެއެވެ.

ކައުސާހިބާ صـلّــى اللّـــه عـليــه وسـلّــم ގެ ނިމުތު

ކައުސާހިބާ صـلّــى اللّـــه عـليــه وسـلّــم މަދީނާގައި އިސްލާމީ ދައުލަތުގެ ބިންގާއެޅުއްވި ދުވަސްވަރު ދުނިޔޭގައިއޮތީ ބޮޑު ދެބާރެވެ. ފާރިސީންގެ އެމްޕަޔަރާއި ރޯމަނުންގެ އެމްޕަޔަރެވެ. އިތުރު ސާހިބާގެ ހިޖްރައިން ހަވަނަ އަހަރު ސުލްހުލްހުދައިބިއްޔާގެ ސަބަބުން ޢަރަބިކަރައިގެ މަސްރަޙު ހިސާބަކަށް އަމާންވުމާއެކު ދުނިޔޭގެ ރަސްރަސްކަލުންނަށް ދަޢުވަތުގެ ސިޓީފުޅުތައް ފޮނުއްވިއެވެ. އެދުވަސްވަރު ފާރިސީންގެ ރަސްކަމުގައި އިންނެވީ ކިސްރާޕަރްވޭޒު ބުނު ހުރުމުޒެވެ. އޭނާ ކައުސާހިބާގެ ފަތްކޮޅު ވީދައިލައްވައި އިތުރު ސާހިބާ ހައްޔަރުކުރައްވަން މަސައްކަތްކުރެއްވިއެވެ.

ރޯމަނުންގެ ރަސްކަމުގެ އިރުމަތީބައިގެ ރަސްކަލަކީ އަމްބަރާޠޫރު ފްލޭވިއޯސް އިރަކް ލިޔޯސެވެ. ޙަޤީޤަތުގައި ޢަރަބިކަރައިގެ ބައެއްކަމުގައިވާ ޝާމުކަރަވެސް އޮތީ އޭނާގެ ވެރިކަމުގެ ދަށުގައެވެ. އޭނާ އިތުރު ސާހިބާ صـلّــى اللّـــه عـليــه وسـلّــم ފޮނުއްވި ފަތްކޮޅަށް ބޭރުފުށުން އިޙްތިރާމުކުރެއްވި ކަމުގައިވިޔަސް އަޑިއަޑީން ގެންދެވީ އިސްލާމީ ދައުލަތް އާރުލާ ބާރަކަށް ވިޔަނުދެއްވަން މަސައްކަތް ކުރައްވަމުންނެވެ. ބައިޒެންޓެއިނުން އަޑީގައި ތިބެގެންވަނީ ކައުސާހިބާގެ ތިން ސަފީރަކު ޝަހީދުކުރައްވައިފައެވެ. ނަތީޖާއެއްގެގޮތުން ހިނގި މުއުތާގެ ހަނގުރާމައިގައި ބައިޒެންޓިޔަނުން ޢަމަލީގޮތުން ބައިވެރިވިއެވެ. ކައުސާހިބާ صـلّــى اللّـــه عـليــه وسـلّــم ތައްޔާރުވެވަޑައިގެންނެވި އެންމެބޮޑު ހަނގުރާމަ ކަމުގައިވާ ތަބޫކު ހަނގުރާމައަކީ ބައިޒެންޓިޔަނުންގެ ޢުދުވާނީ މަސައްކަތުގެ ނަތީޖާއެވެ. އަޅުގަނޑު ލިޔެފައިވާ الخــلـفــاء الـــرّاشــــدون ގެ ތެރެއިން أبــوبكــر الصّـدّيــق މިފޮތުގައި މިވާހަކަތަކުގެ އިތުރު ތަފްސީލުވަނީ ބަޔާންކޮށްފައެވެ. ކައުސާހިބާ صـلّــى اللّـــه عـليــه وسـلّــم ސުވަރުގެ ވަޑައިގެންނެވިއިރު މުސްލިމުންނާއި ބައިޒެންޓެއިން ރަސްކަމާ ދެކޮޅަށްވަނީ ޢަމަލީގޮތުން ހަނގުރާމަ ފެށިއެވެ.

ކައުސާހިބާ صـلّــى اللّـــه عـليــه وسـلّــم ވަނީ މުސްލިމުންނަށް އިސްތަންބޫލު ފަތަޙަކުރެވޭނެކަމުގެ ނިމުތު ދެއްވައިފައެވެ. އެއީ އެރަށް ފަތަޙަކުރަން ކުރެއްވި އިޝާރަތެކެވެ. އެމާތް ސާހިބާ ވަނީ އެރަށުގެ ފާތިޙު ލަޝްކަރަކާއި އެލަޝްކަރުގެ އަމީރަށް ތާރީފު ކުރައްވައިފައެވެ. އޭގެއިތުރަށް އިސްތަންބޫލަށް އެންމެފުރަތަމަ ޙަމަލަދޭ އިސްލާމީ ލަޝްކަރަށް މަޣުފިރަތުދެއްވާނެކަމުގެ ހެޔޮޚަބަރުވެސް ދެއްވައިފައެވެ. އިތުރު ސާހިބާ صـلّــى اللّـــه عـليــه وسـلّــم ޙަދީޘުކުރައްވައިފައިވެއެވެ.

"އަހުރެންގެ އުންމަތުން ޤައިޞަރުގެ ރަށަށް ޙަމަލަދޭ އެންމެފުރަތަމަ ލަޝްކަރަށް އަރަހުށި މާތް اللّـــه ވަނީ މަޣުފިރަތު ދެއްވައިފައެވެ." (ޞަޙީޙު ބުޚާރީ، ކިތާބުލްޖިހާދިވައްސިޔަރި ބާބު 137، ޙަދީޘު ނަންބަރު: 185) (މި ރިވާޔަތްވަނީ ޞަޙީޙު ބުޚާރީ ފިޔަވައި އެހެނިހެން ޙަދީޘު ފޮތްތަކުގައިވެސް އައިސްފައެވެ.)

އިތުރު ސާހިބާ صـلّــى اللّـــه عـليــه وسـلّــم ގެ އެހެން ބަސްފުޅެއްގައި ޞަރީޙުކޮށްވަނީ ފަތަޙައިގެ ބަޝާރަތު ދެއްވައިފައެވެ.

"ތިޔަބައިމީހުން ޔަޤީނުންވެސް ޤުސްޠަންޠީނިއްޔާ ފަތަޙަކުރާނޫއެވެ. އެ ފާތިޙު ލަޝްކަރަކީ ކިހައި ރަނގަޅު (ހެޔޮކަންބޮޑު) ލަޝްކަރެއްހެއްޔެވެ؟ އެލަޝްކަރުގެ އަމީރަކީވެސް ކިހައިރަނގަޅު (ހެޔޮކަންބޮޑު) އަމީރެއް ހެއްޔެވެ."

އަލްޙާކިމާއި، އަޙްމަދު ބުނު ޙަންބަލާއި އިބްނު ޢަބްދުލްބައްރު ވަނީ މި ޙަދީޘު ރިވާކުރައްވައިފައެވެ. ހަމައެފަދައިން އަޙްމަދާއި ޙާކިމާއި އިބްނު ޝައިބާގެ ރިވާޔަތުގައިވެސް މި ޙަދީޘު އައިސްފައިވެއެވެ. މުސްލިމުންގެ ޚަލީފާއިންނާއި ރަސްރަސްކަލުންކުރެ ހިތްވަރުފުޅާއި ފަންވަރުފުޅުހުރި އެތައް ރަސްރަސްކަލުންނެއް ނަސީބުފުޅު ވަޒަންކުރެއްވީ ކައުސާހިބާ صـلّــى اللّـــه عـليــه وسـلّــم ގެ މި ނިމުތު ފުރިހަމަކުރެއްވުމަށްޓަކައެވެ. އެކަމަކު މިބާއްޖަވެރިކަން ލިޔުއްވިފައިވަނީ ތުރުކިއޭގެ سلطـــان محمّـد ثــانـــــى (محمّـد الـفـاتـح) ގެ ނަސީބުފުޅުގައެވެ.

އިސްތަންބޫލު ފަތަޙަކުރެއްވުމުގެ މަސައްކަތްޕުޅު

سلطـــان محمّـد الـفـاتـح ގެ ކުރީންވެސް މުސްލިމުންވަނީ އިސްތަންބޫލު ފަތަޙަކުރަން ބާރަވަރަކަށްފަހަރު މަސައްކަތް ކޮށްފައެވެ. މާ މުހިންމުނޫން ޙަމަލަތަކާއި ވަރުގަދަ ޙަމަލަތައް ބަލައި ހިމަނާއިރުއެވެ. އިންޑިޔާ ޕާކިސްތާނުގެ ނަންފުޅު އަރައިހުންނެވި ލިޔުއްވުންތެރިޔެއްކަމުގައިވާ عـلاّمـــة أســلـــم ޖޭރާޖުޕޫރީ ވަނީ އެ ޙަމަލަތަކުގެ ވާހަކަ ކުރުގޮތަކަށް ލިޔުއްވައިފައެވެ. عـلاّمـــة ލިޔުއްވައިފައިވެއެވެ.

"أمـيـــــر مــعـــاويـــــة رضـى اللّــه عــنـــه ގެ އަތްޕުޅުމައްޗަށް ޚިލާފަތުގެ ލަގަން ލިބިވަޑައިގެންނެވުމުން ޤުސްޠަންޠީނިއްޔާއަށް ޙަމަލަދެއްވަން ތައްޔާރުކުރައްވާން ފައްޓަވައިފިއެވެ. ވަރަށްބޮޑު ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވައިފައި އެއްގަމުގެ މަގުންނާއި ކަނޑުމަގުން ޤުސްޠަންޠީނިއްޔާއަށް ޙަމަލަދޭން ފޮނުއްވިއެވެ. އެއީ ހިޖްރައިން 48 ވަނަ އަހަރުއެވެ. ސިފައިންގެ ޢާންމު ކޮމާންޑަރަކަށް ހަމަޖެއްސެވީ ســفـيــان بـــن عـــــوف އެވެ. مــعـــاويـــــة ގެފާނުގެ ދަރިކަލުން يـــزيــد އަށްވެސް އެލަޝްކަރުގެ ޚާއްޞަ ބައެއްގެ އަމީރުކަން ދެއްވިއެވެ. އެވަގުތު ދުނިޔޭގައި ތިއްބެވި ޞަޙާބީންގެ ތެރެއިން ވަރަށްގިނަ ބޭކަލުން ވަޢުދުކުރެވިފައިވާ މަޣުފިރަތަށް ދަހިވެތިވެވަޑައިގެން އެލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރޭގައި އިތުރު ސާހިބާ صـلّــى اللّـــه عـليــه وسـلّــم ގެ މޭޒުބާން أبــــو أيّـــوب الأنـصــارى އާއި عــبـــادة بـــن الـصـامـت އާއި أبـــوالــدّرداء އާއި، عـبــداللّــه بـــن عــمــــر އާއި عـبــداللّــه بـــن الـــزّبــيــــر އާއި، عـبــداللّــه بـــن عــبّــاس (رضـى اللّــه عــنـــهــم) ފަދަ ބޭބޭކަލުން ހިމެނިވަޑައިގެންނެވިއެވެ.

"ޤުސްޠަންޠީނިއްޔާގެ ބޭރުފާރު ވަރަށް ގަދަފަދައެވެ. އެރަށަށް ފޯރުމާލު ގެނެވޭނެ މަގުތައް ނުހަނު ތަނަވަސްކޮށް ހުޅުވިފައިއޮތެވެ. އެހެންކަމުން އެފަހަރު މުސްލިމުންނަކަށް މާކާމިޔާބުގޮތަކަށް އެރަށް ޙިޞާރެއް ނުކުރެއްވުނެވެ. އަނެއްކޮޅުން ފިނިމޫސުމުގައި އެރަށުގެ ވައިފެންވެސް ޢަރަބީންނަކާ އެއްގޮތަކަށްވެސް ނުގުޅެއެވެ. ރޫމީންގެ މަޝްހޫރު "ޔޫނާނީ އަލިފާނު" ގެ ބޭނުންކޮށްގެން މުސްލިމުންގެ ވަރަށްގިނަ ނައުފަހަރު އަންދައިލިއެވެ. އެހެންކަމުން މުސްލިމުންނަށް ޖެހުނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން އެނބުރި އަންނާށެވެ. އެހަނގުރާމައިގައި ވަރަށްގިނަ މުސްލިމުން ޝަހީދުވިއެވެ. ކައުސާހިބާ صـلّــى اللّـــه عـليــه وسـلّــم ގެ މޭޒުބާން أبــــو أيّـــوب الأنـصــارى رضــى اللّـــه عــنـــه ވެސް ޝަހީދުވީ އެހަނގުރާމައިގައެވެ. އެކަލޭގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް ފަސްދާނުލެވުނީ ޤުސްޠަންޠީނިއްޔާގެ ބޭރުފާރުކައިރީގައެވެ.

"މުސްލިމުންގެ ދެވަނަ ޙަމަލަޔަކީވެސް ބަނޫއުމައްޔަތުގެ ދައުރުގެ ޙަމަލައެކެވެ. سـليمـان بـــن عـبــدالمـلك ގެ ވެރިކަމުގައި ދެއްވި ޙަމަލައެވެ. ކައުސާހިބާގެ އަރިހުން އައިސްފައިވާ ފަތަޙައިގެ ނިމުތުގެ އިތުރަށް ރިވާވަމުންއައި އެހެން ބަސްފުޅެއްވެސް އޭނާގެ ޝައުޤުވެރިކަމުގެ ސަބަބަކަށްވިއެވެ. އެބަސްފުޅަކީ ޤުސްޠަންޠީނިއްޔާ ފަތަޙަކުރައްވާނީ ނަބީބޭކަލެއްގެ ނަންފުޅަކުން ނަންކިޔޭ ވެރިޔެއްކަމެވެ. (އެބަސްފުޅަކީ ޙަދީޘުފުޅެއް ކަމުގައިވެސް ރިވާޔަތްތައް ހުރެއެވެ.) سـليمـان ވަރަށްބޮޑު ލަޝްކަރެއް ދެއްވައިފައި ޤުސްޠަންޠީނިއްޔާ ފަތަޙަކުރައްވާން ފޮނުއްވީ އޭނާގެ އަޚެއްކަމުގައިވާ مسـلـمـة بـــن عـبــدالمـلك އެވެ. مسـلـمـة އެއްއަހަރުވަންދެން މުޙާޞިރާ ދެމެހެއްޓެވިއެވެ. އެކަމަކު ކާމިޔާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. (އެލަޝްކަރު ވަރަށް ނިކަމެތި ހާލެއް ޖެހިފައިވަނިކޮށް) އެލަޝްކަރު ސަލާމަތްކުރައްވައި އަނބުރައި ގެންނެވީ عــمــر بـــن عـبــد الـعـــزيـــز رحـمـه اللّــه ގެ ޚަލީފާކަމުގައި އެކަލޭގެފާނެވެ. (އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ عــمــر ثــانــــى عــمــر بـــن عـبــد الـعـــزيـــز ގައި ވާނީ އެވާހަކަޔަށް އަލިއަޅުވައިފައެވެ.)

"ތިންވަނަ ޙަމަލައަކީވެސް އުމަވީންގެ މަސައްކަތެކެވެ. އެފަހަރު ޙަމަލަދެއްވީ هـشــام بـــن عـبــدالمـلك އެވެ. ހިޖްރައިން 121 ވަނަ އަހަރުއެވެ. އެފަހަރުވެސް ކާމިޔާބެއް ނުވިއެވެ. ޢައްބާސީ ޚަލީފާއިންގެ ތެރެއިން ޤުސްޠަންޠީނިއްޔާ ފަތަޙަކުރައްވާން މަސައްކަތްޕުޅު ކުރެއްވީ ހަމައެކަނި خـلـيــفـــة المــهــدى އެވެ. އޭނާ ހިޖްރައިން 165 ވަނަ އަހަރު އޭނާގެ ދަރިކަލުން هــارون الـــرّشــيــد އަށް އެއްލައްކަ ސިފައިންގެ ލަޝްކަރެއް ދެއްވައިފައި ޤުސްޠަންޠީނިއްޔާ ފަތަޙަކުރައްވާން ފޮނުއްވިއެވެ. هــارون الـــرّشــيــد އޭޝިޔާކޫޗަކުގެ ތެރެއިން މާޗުކުރައްވަމުން ބޮސްފަރަސްގެ އައްސޭރިޔާ ހަމަޔަށް ވަޑައިގެންނެވެ. އެދުވަސްވަރު ޤުސްޠަންޠީން (6) ތުއްޕުޅުކަމާހުރެ އޭނާގެ ފަރާތްޕުޅުން ތަޚްތު ބެލެހެއްޓެވީ އޭނާގެ މަންމާފުޅު މަލަކާ އައިރީންއެވެ. އެކަމަނާ هــارون އަށް ޚުޝާމަދުކުރައްވައިގެން އަހަރަކު ނުވަދިހަހާސް ދީނާރުގެ ޖިޒީދެއްވަން هــارون އެއްބަސްކުރުއްވިއެވެ. هــارون ރޫމީންނާ ޞުލްޙަވެވަޑައިގެން އެނބުރި ވަޑައިގެންނެވީއެވެ. ސަލްޖޫގީ ދައުލަތުގެ مـلك شــاه ވެސް ޤުސްޠަންޠީނިއްޔާގެ ސަރަޙައްދަށް ލަޝްކަރާއިގެން ވެދެވަޑައިގެންނެވިއެވެ. ޤުސްޠަންޠީނިއްޔާގެ އަމީރުން އަހަރު އަހަރަށް ޖިޒީ ދެއްވަން އެއްބަސްވެވަޑައިގެންނެވުމުން مـلك شــاه ވެސް އެބައިމީހުނާ ޞުލްޙަވެވަޑައިގެން އެނބުރި ވަޑައިގެންނެވީއެވެ.

"عـثمــان خــــان ގެ އާލުން އޭޝިޔާކޫޗަކުގައި އެބޭފުޅުންގެ ރަސްކަން ޤާއިމުކުރެއްވުމާއެކު ޔޫރަޕުގެ ރަސްރަސްކަލުންނާ އެބޭފުޅުންނާ ދެމެދު ހަނގުރާމައިގެ ސިލްސިލާއެއް ފެށިއްޖެއެވެ. ޢުޘްމާނީންނަކީވެސް ބަލިކަށިފުޅު ސަހަލު ބޭފުޅުންނެއް ނޫނެވެ. އެހެންކަމުން އެބޭފުޅުން މަޑުމަޑުން މުޅި ބަލްޤާން ފަތަޙަކުރެއްވިއެވެ. ބާކީއޮތީ ހަމައެކަނި ޤުސްޠަންޠީނިއްޔާއެވެ. ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވުމަކީ އެބޭފުޅުންގެ ނަޒަރުގައި ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ޢުޘްމާނީން އެމަސައްކަތް ފައްޓަވައިގެންނެވިއެވެ. ޤުސްޠަންޠީނިއްޔާ ޙިޞާރުކުރެއްވި އެންމެފުރަތަމަ ޢުޘްމާނީ ރަސްކަލަކީ سلطـــان بــايـــزيــد خــــان ޔިލްދިރިމެވެ. بــايـــزيــد އަށްފަހު އޭނާގެ ކާފަދަރިކަލުން سلطـــان مــــــراد ثــانــــى އެރަށް ފަތަޙަކުރައްވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ޔޫރަޕުގެ ނުބައި ރޭވުންތަކާހުރެ އޭނާއަށް ޖެހިވަޑައިގެންނެވީ ޤުސްޠަންޠީނިއްޔާގެ މުޙާޞިރާ ދޫކޮށްލައްވައިފައި އެނބުރި ވަޑައިގަންނަވާށެވެ. (އަޅުގަނޑު ކުރިޔަށްމިދަނީ سلطـــان مــــــراد ثــانــــى ގެ ދައުރު ނުލިޔެ ދޫކޮށްލައިފައެވެ. އަޅުގަނޑުގެ ދަތުރުގައި އޭނާގެ އަސަރެއް ފެނިފައި ނުވާތީއެވެ.) 3 ފެބްރުއަރީ 1453 ގައި (856ހ.) ގައި سلطـــان مــــــراد ثــانــــى އަވަހާރަވުމުން ޢުޘްމާނީ ތަޚުތުގައި އިށީނދެވަޑައިގެންނެވީ އޭނާގެ ދަރިކަލުން سلطـــان محـمّــد އެވެ. ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވުން ލިޔެވިފައިވަނީ އޭނާގެ ނަސީބުފުޅުގައެވެ. ޒުވާން سلطـــان محـمّــد ހުންނެވީ ރޫމީންގެ ޣަދަރުވެރިކަމާއި އަތްދިގުކުރުމާހުރެ އުނދަގޫފުޅުވެފައެވެ. ރޫމީން އެހުރިހައި ނުބައި ކުޅިޔެއް ކުޅެމުން ގެންދިޔައީ ޤުސްޠަންޠީނިއްޔާގައި އެބައިމީހުންގެ ވެރިކަން އޮންނާތީއެވެ. އެރަށަކީ އެބައިމީހުންނަށް ހުރިހައި ބާވަތެއްގެ ނުރައްކަލަކުން ސަލާމަތްވެވޭފަދަ ވަރުގަދަ ދިފާޢީ ޙިޞާރެއްކަމުގައި ވާތީއެވެ."

سلطـــان محمّـد الـفـاتـح

އޭނާގެ ނަންފުޅަކީ محـمّــد ثــانــــى އެވެ. އެކަމަކު ތާރީޚުގައި އޭނާގެ ނަންފުޅު ފަވައިލެވިފައިވަނީ محمّـد الـفـاتـح ގެ ޝަރަފުވެރި ނަންފުޅުންނެވެ. محمّـد الـفـاتـح ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 26 ރަޖަބު 831ހ. (20 އެޕްރީލް 1424) ގައެވެ. محـمّــد ގެ ބައްޕާފުޅު سلطـــان مــــــراد ثــانــــى އަކީ ޢަދުލުވެރި، ރަޙްމުވެރި، ދީލަތިފުޅު އިސްލާމީ ރަސްކަލެކެވެ. ހަރުދަނާ މިޒާޖުފުޅުގެ ބޭފުޅެކެވެ. ބުއްދިފުޅު ތަނަވަސް ބޭފުޅެކެވެ. އޭނާގެ ރައްޔިތުން އޭނާ ދެކެ ލޯބިވެއެވެ. އޭނާގެ ދައުރުގައި ރައްޔިތުން ތިބީ ތިޔާގިކަމާއި އުފާފާގަތިކަމުގައެވެ. އަމަންއަމާންކަމުގައެވެ. سلطـــان مــــــراد ثــانــــى އަކީ ވަރަށްބޮޑަށް މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ ފަސޭހައާއި ލާބަޔަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. سـلطـــان مــــــــراد ثــانــــــى ވަނީ އޭނާގެ ދަރިކަލުން محمّـــد ގެ ތަޢުލީމަށާއި ތަރްބިޔަތަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިފައެވެ. ދަރިކަލުންނަށް ކިޔަވައިދެއްވުމުގެ އެންމެފުރިހަމަ އިންތިޒާމުތައް ހަމަޖައްސަވައިފައެވެ. އެޒަމާނުގައި ޢާންމުކޮށް ފެތުރިފައިވާ ޢިލްމުތަކާއި ފަންނުތައް ދަސްފުޅުކޮށް އެރުވުމަށްޓަކައިވެސް މަތީދަރަޖައިގެ އަފޫރުއްބަ ޢާލިމުންނަށް ވަޒީފާ ދެއްވައިފައެވެ. އެބޭކަލުންނަށް ވަރަށްބޮޑެތި މުސާރަތައް ދެއްވައިފައެވެ. محمّـــد ثــانـــــى އަކީ އެމަނިކުފާނުގެ ފިޠުރީ އުފެދުމުގައިވެސް ނުހަނު ހިތްޕުޅުއަލި ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. ޢިލްމު ހޯއްދަވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އުސްތާޒުންވަނީ އެމަނިކުފާނުގެ ޤާބިލިއްޔަތަށް އިޢުތިރާފުވެވަޑައިގެންފައެވެ. محمّـــد ވަރަށް އަވަހަށް ވަރަށްގިނަ ބަސްތައް ދަސްފުޅުކުރެއްވިއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު މާދަރީބަސްކަމުގައިވާ ތުރުކިޔޭ ބަހެވެ. އޭގެއިތުރަށް ޢަރަބިބަހާއި ފާރިސީބަހާއި ލެޓިންބަހެވެ. ހިބްރޫބަހާއި ޔޫނާނީބަހަށްވެސް ނުހަނު ފަރިތަފުޅެވެ. ދީނީތަޢުލީމުގެ އިތުރަށް ޔޫނާނީ ފަލްސަފާއާއި އިރުމަތީގެ ތަހްޒީބާއި ޘަޤާފަތާއި ތާރީޚުގެ މައުޟޫޢުތައްވެސް އޭނާއަށް ފެންފަދައެވެ. ރަސްރަސްކަލުންގެ ތާރީޚަށް އޭނާ ނުހަނު ޝައުޤުވެރިވެވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ފާތިޙުންގެ ޙަޔާތްޕުޅުގެ ވާހަކަ ނުހަނު ޝައުޤުވެރިކަމާއެކު ވިދާޅުވެއެވެ. سكــنــدر أعـظـــــم ގެ ޙަޔާތްޕުޅުގެ ވާހަކައަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ.

(ނުނިމޭ)