ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 66 ޕަސަންޓް މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމާއި ބޭރުތޮށި ލުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ 66.48 ޕަސަންޓް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.