ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އޮންނަ ތިލަފުށި، އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ޗައިނާގެ "ހާބާ އިންޖިނިއަރިން ކޮމްޕެނީ" (ސީއެޗްއީސީ) ކުންފުންޏާ ހަވާލުކޮށްފިއެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ތިލަފުށި ތަރައްގީކުރުމުގެ މާސްޓާ ޕްލޭންގެ ދަށުން ތިލަފުއްޓަށް އިތުރުކުރާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ޗައިނާގެ ސީއެޗްއީސީއާއެކު ސޮއިކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ސީއެޗްއީސީ ކުންފުންޏަކީ ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސިނަމާލެ ބްރިޖް މަރާމާތުކޮށް މެއިންޓެނެންސް ބެލެހެއްޓުމާއި މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ކުރީ އެ ކުންފުނިންނެވެ.
އެޗްޑީސީގެ ފަރާތުން "ވަން" އާ ހިއްސާކުރި މައުލޫމާތައް ބަލައި އިރު، "ތިލަފުށި އިންޑަސްޓްރިއަލް ހަބް" މަޝްރޫއުގެ ދަށުން ތިލަފުށީގެ ބިން ހިއްކުމަށް އެ ކުންފުނިން ރާވާފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކާނީ 40 ހެކްޓަރުގެ ބިމެވެ. އެ މަސައްކަތް 8-12 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ އަންދާޒާކުރާ އިރު، މުޅި މަޝްރޫއަށް ޖުމުލަ 151 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރާވާފައެވެ. އެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.
އެޗްޑީސީން ބުނީ ތިލަފުށި މާސްޓާ ޕްލޭންގެ ދަށުން ފުރަތަމަ ހިއްކާ 40 ހެކްޓަރުގެ ބިން ކަނޑައަޅާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން އެ ތަނުން ވިއްކާ ބިންތަކުގެ ސައިޒު ދެވަނަ ފިޔަވަހީގައި ހިއްކާ ސަރަހައްދުން ވިއްކާ ޕްލޮޓްތަކަށް ވުރެ ކުޑަވާނެ ކަމަށާއި ދެވަނަ ފިޔަވަހިން ބިން ދޫކުރާނީ ފެކްޓްރީ ހިންގުން ފަދަ ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ކަމަށް ބުންޏެވެ.
އަދި ބިން ވިއްކާނީ ބިޑު އުސޫލުން ކަމަށާއި ބިން ގަންނަން ބޭނުންވާ ފަރާތްކަށް އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކުރަން މިހާރުވެސް އެޗްޑީސީގެ ވެބަސައިޓް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.
ތިލަފުށީގެ މާސްޓަޕްލޭންގެ ދަށުން އަލަށް ހިއްކާ ސަރަހައްދާއި މިހާރު ހިއްކާފައިވާ ސަރަހައްދު ހުންނާނީ ޗެނަލަކުން ވަކިކޮށް ބްރިޖުން ގުޅާލައިފައެވެ. އެ ސަރަހައްދުގައި އޮފީސް ޖާގައަކާއި ތެޔޮ ރައްކާ ކުރެވޭ ވަސީލަތްތަކުގެ އިތުރުން ލޭބާ ވިލެޖަކާއި ރިކްރިއޭޝަން ހަރަކާތްތަކަށް ބިން ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން މި ސަރަހައްދަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދާނެ ފްލޯޓިން ސޯލާ ޕެނަލްތަކާއެކު ތިލަފުށީގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމަށްވެސް މާސްޓާ ޕްލޭނުގައި ވަނީ ހިމަނައިފައެވެ.
އެޗްޑީސީން ބުނީ ތިލަފުށީގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ބިން ހިއްކޭއިރު، ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރެވޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު