ގެދޮރުވެރިޔާ ލޯނު 183 މީހަކަށް، މިހާތަނަށް 168 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހަ މަހަށްފަހު މިއަދު ރައީސް ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ, ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން އެބަ އޮތްއިރު, އަސާސީ ހިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް ދެއްވަމުން ރައީސް ވިދާޅުވީ، މާލެއާއި އަތޮޅު ތެރޭގައި 16,000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މާލޭގައި އެކި ކެޓަގަރީގެ 8700 ފްލެޓް ހަދަމުންދާއިރު, އަތޮޅު ތެރޭގައި 4436 ފްެލެޓާއި ރޯހައުސް ހަދަމުންދާ ކަމަށެވެ.

އަދި ގެދޮރުވެރިޔާ ލޯން 183 މީހަކަށް, 168 މިލިއަން ރުފިޔާ ދެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ފުރުސަތު ބަންދުވި އިރު، ބިންވެރިޔާގެ ސްކީމަށް 35،861 މީހަކު ކުރިމަތިލިއެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި ކުރިމަތިލި 6،208 މީހުންގެ އިތުރުން ގޯއްޗަށް އެދި ކުރިމަތިލި 15،164 މީހުންނެވެ.