ޔުކްރޭނުގެ ހަނގުރާމައަށް ނިމުމެއް ގެނައުމުގެ ނަމުގައި ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ މިދުވަސްކޮޅު ދިހަ ނުގުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް ޕްރޮމޯޓް ކުރައްވަމުން އެބަގެންދަވެއެވެ. ހުސްވި ހަފުތާގެ ތެރޭގައި އެމެރިކާއަށް ވަޑައިގެން ރައީސް ޖޯ ބައިޑެންއާ ކުރެއްވި މަޝްވަރާތަކުގައިވެސް މި ޕްލޭނަށް އެމެރިކާގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ގުޅުއްވައިގެން ކުރައްވަނީވެސް މި މަސައްކަތެވެ. މި ޕްލޭން ބަލައިގަނެ މިއީ ދުނިޔޭގެ ޕްލޭންކަމަށް ހެދުމުގެ ގޮތުން ސުލްހައިގެ ބޮޑު މަހާސިންތާއެއް ބޭއްވުމަށްވެސް ޒެލެންސްކީ ބޭނުންފުޅުވެއެވެ. ޒެލެންސްކީގެ ޕްލޭން އެންމެ ފުރަތަމަ އޭނާ އިއުލާންކުރެއްވީ ހުސްވި ނޮވެމްބަރުމަހު ބޭއްވުނު ޖީ ޓުވެންޓީ ގައުމުތަކުގެ ސަމިޓުގައެވެ.
މި ޕްލޭނުގައިވާ ނުގުތާތަކަކީ ކޮބައިބާވަައެވެ. ބަލައިލަމާބަހީއެވެ. ރަޝިޔާ ސިފައިންގެ އަތްދަށުގައިވާ ޒަޕޮރީޒިއާ ނިއުލިއަރ އިންޖީނުގޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފުރަތަމަ ނުގުތާއެވެ. މިތަނަކީ ޔޫރަޕުގައިވާ އެންމެ ބޮޑު ނިއުކުލިއަރ އިންޖީނުގެއެވެ. ޔުކްރޭނުގެ ގޮވާމުގެ ބާވަތްތައް އެއްވެސް ހުރަހެއްނެތި އެކްސްޕޯޓްކޮށް ދުނިޔޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކޮށްދިނުމަކީ ދެވަނަ ނުގުތާއެވެ. ރަޝިޔާގެ ތެލާއި ގޭހުގެ އަގު ވީހާވެސް ތިރިކުރުމާއި ހަކަތައިގެ ސިނާއަތުން ރަޝިޔާ ބޭނުންވާހައި މަންފާއެއް ނުނެގޭގޮތަށް އަދަބު ދިނުމަކީ ތިންވަނަ ނުގުތާއެވެ. އަދި ޔުކްރޭނުގެ ހަލާކުވެފައިވާ އިންޖީނުގެތައް މަރާމާތުކޮށްދިނުމަށް ރަޝިޔާގެ ފައިސާ ބޭނުންކުރުމާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުންވެސް އެހީވުމަކީ ތިންވަނަ ނުގުތާއެވެ.
ހަނގުރާމައިގެ ތެރޭގައި ހައްޔަރުކުރެވިފައިވާ އެންމެހައި އަސީރުން މިނިވަންކުރުމާއެކު ޔުކްރޭނުގެ އިރުމަތިން ރަޝިޔާއަށް ގެންދިޔަ ޔުކްރޭނުގެ އެންމެހައި ރައްޔިތުން އަލުން ޔުކްރޭނަށް ރުޖޫއަކުރުމަކީ ހަތަރުވަނަ ނުގުތާއެވެ. ޔުކްރޭނުގެ ސަރަހައްދުގެ ތެރެއިން ރަޝިޔާ ސިފައިން ހިފާފައިވާ އެންމެހައި ބިންތައް ޔުކްރޭނާ ހަވާލުކުރުމަކީ ފަސްވަނަ ނުގުތާއެވެ. ޔުކްރޭނުގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ރަޝިޔާއަށް ނުލިބޭނެ ކަމަށާއި އެއީ މަޝްވަރާކުރެވޭނޭ ކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. ރަޝިޔާގެ އެންމެހައި ފައުޖުތަކާއި ހަތިޔާރުތައް ޔުކްރޭނުން ބާލައި އެއްވެސް ޝަރުތަކާނުލައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަކީ ހަވަނަ ނުގުތާއެވެ. ފައިބަންޖެހޭ ތަންތަނުގެ ތެރޭގައި ކްރައިމިއާވެސް ހިމެނެއެވެ. ކްރައިމިއާއަކީ 2014 ވަނަ އަހަރު ރަޝިޔާއިން ހިފާފައިވާ ތަނެކެވެ.
ޔުކްރޭނުގައި ރަޝިޔާއިން ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް މިޖަރީމާތަކުގައި ޝާމިލްވި އެންމެހައި ފަރާތްތަކާމެދު ސަރިޔަތް ހިންގުމަށްޓަކައި ޚާއްސަ ކޯޓެއް ގާއިމް ކުރުމަކީ ހަތްވަނަ ނުގުތާއެވެ. ހަނގުރާމައިގެ ސަބަބުން ތިމާވެށީގެ ގޮތުން ޔުކްރޭނަށް ލިބުނު ގެއްލުންތައް ބަލައި އިހުގެ ހާލަތަށް އެނބުރި ރުޖޫއަވުމާއި މައިންތައް ނެގުމާއި ފެން ތަޣައްޔަރުވުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަކީ އަށްވަނަ ނުގުތާއެވެ. ކުރިމަގުގައި ޔުކްރޭނާދޭތެރޭ ރަޝިޔާއިން ނުނިޔަތްލައިގެން ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ލިބުމާއި ނޭޓޯގެ ކުޑައިގެ ދަށުގައި ޔުކްރޭނަށް ހިމާޔަތް ކަށަވަރުވުމަކީ ނުވަވަނަ ނުގުތާއެވެ. ހަނގުރާމަ ހުއްޓާލައި މި ހަނގުރާމަ ފެށުމުގައި ޒިންމާވާންޖެހޭ ފަރާތަކީ ރަޝިޔާކަމަށް މޮސްކޯއިން އިއުތިރާފުވެ އެކަމުގެ ލިޔުމުގައި ސޮއިކުރުމަކީ ދިހަވަނަ ނުގުތާއެވެ.
މަތީގައިވާ ނުގުތާތަކަށް ވިސްނައިލާއިރު މިއީ ރަޝިޔާއިން އެއްބަސްވާނެ، އަދި އެއްބަސްވެވޭނެ ނުގުތާތަކެއް ކަމަށް ނުފެނެއެވެ. މީގައި މިހިރީ ހަނގުރާމައިގެ މައިދާނުގައި ބަޔަކު ބޮޑުވެގެންވާ ބައްޔަކުން ބަލިވީމާ، ނަސްރާއި ކާމިޔާބު ލިބުނު ފަރާތުން ބޭނުންވާ ގޮތަށް ޑްރާފްޓްކޮށްގެން ސޮއިކުރުވާޒާތުގެ ނުގުތާތަކެކެވެ. ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގެ ބާވަތަށް ރިއާޔަތްކުރުމެއް އަމްދުން ނެތެވެ. ރަޝިޔާއިން ވަނީ މިއީ ޖޯކެއްކަމަށް ބުނެ މި ޕްލޭނުގައިވާ އެންމެ އަކުރެއްވެސް ބަލައިނުގަންނާނެކަން ހާމަކޮށްފައެވެ. ރަޝިޔާއިން ބުނެފައިވަނީ ހިފާފައިވާ އެއްވެސްތަނެއް ދޫކޮށްލުމެއްނެތް ކަމަށާއި އެހަގީގަތް ޔުކްރޭނުން ގަބޫލުކުރަން ޖެހޭނެކަމުގައެވެ. ގަބޫލުނުކުރަންޏާ ގަދަބާރުންވެސް އެކަން ގަބޫލުކުރުވާނޭ ކަމަށް ބުނެފައިވެއެވެ.
ޒެލެންސްކީ ބޭނުންފުޅުވާ ގޮތަށް ސުލްހަ ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ އަސްކަރީގޮތުން ރަޝިޔާ ބަލިވުމެވެ. އެއީ ނުކުރެވޭނޭ ކަމެކެވެ. އެހެންވީމާ އޭނާގެ މި ޕްލޭން އަސްލަކަށް ބަލައިގެން ސުލްހައިގެ ފޯމިއުލާއެއް އެކުލަވައިނުލެވޭނޭ ކަމަށް އެންމެންވެސް އިއްތިފާގުވެއެވެ. މިސަބަބަށްޓަކައި ދުނިޔޭގެ އެއްވެސް ގައުމަކުން މި ޕްލޭނަށް ތާއީދުކޮށް ތިޔައީ ފުރިހަމަ އެއްޗެކޭ ނުބުނެއެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވިދާޅުވެފައިވަނީ ހަނގުރާމައަށް އަވަސް ނިމުމެއް އަތުވެދާނެކަމަށް ނުބެލެވޭކަމަށާއި ސުލްހައަށްޓަކައި ސީރިއަސް ވިސްނުންތަކެއް ރަޝިޔާއިންވެސް އަދި ޔުކްރޭނުންވެސް ވިސްނަން ފަށާނީ ހަނގުރާމައިން ލިބޭ ކާމިޔާބަކާއި ނާކާމިޔާބީއެއްގެ ރަހަ މިހާރަށްވުރެ ރަނގަޅަށް ތަޖުރިބާކުރެވުނު އިރަކުން ކަމުގައެވެ.