އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް 99 ހޯލްޑިންގްސްއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ހިދުމަތް ދެމުންނުދާތީ ސިޓި ކައުންސިލުން ވަނީ އެ އެއްބަސްވުން މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބާތިލުކޮށް އެ ކައުންސިލުން އެ ހިދުމަތް ދޭން ނިންމައިފައެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތްދިނުމަށް 10 ބަގީ އަންނަ މަހު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި މުދާ އުފުލާ ބަގީއާއި ބަލި މީހުން އުފުލޭނެ ބަގީވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ބަގީގެ ހިދުމަތް ފެށުން ލަސްވީ އިއުލާން ޕްރޮސެސް ދިގުލައިގެން ދިއުމުން. އަނެއްކާ އެ ހިދުމަތް ދޭނެ ރަނގަޅު ބަޔަކުވެސް ނުވުމުން. އެކަމަކު މިހާރު އަޅުގަނޑުމެން ވާނީ ބަޔަކާއެކު އެގްރިމެންޓްކޮށްފައި," މުއިއްޒު ވިދާޅުވިއެވެ.

99 ހޯލްޑިންގްސް އާއެކު ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމުން އެ ކުންފުނީގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށަހެޅިއެވެ. އެގޮތުން އެއްބަސްވުން ބާތިލުކޮށް ސިޓީ ކައުންސިލުން 99 ހޯލްޑިންގްސްއަށް އެންގީ އެ އެއްބަސްވުމުގެ ދަށުން ކުންފުންޏަށް ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށެވެ. ނަމަވެސް އެކަން ތަންފީޒު ނުކުރުމަށް ސިވިލް ކޯޓުން ވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހު އަމުރުކޮށްފައެވެ.