ސަރުކާރުން މި އަހަރަށް ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވި ފަހުން މިދިޔަ ހޯމަ ދުވަހު, އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑެއް ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން, މިދިޔަ ހޯމަ ދުވަހު 7,621 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މި މަހުގެ ތެރޭގައި އެއް ދުވަހު އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އަދި މިއީ މި އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.

މިދިޔަ އަންގާރަ ދުވަހު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި އިރު, މި މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޓްރެފިކްވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. އެގޮތުން މި މަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,764 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 1,641,104 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މި އަދަދަކީ ފަތުރުވެރިކަމުގެ ރެކޯޑް ހެދި 2019 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 1,671,628 ފަތުރުވެރިންނަށްވުރެ 1.8 ޕަސެންޓް ދަށް އަދަދެކެވެ.