ހޮޅިންގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތްވީ 3 ޖުމާދިލްއާޚިރާ 1166 ގައެވެ. އެ ހާދިސާ ނުވަތަ އެޖިހާދަށް ހިޖުރީގޮތުން މިއަދު 278 އަހަރު ފުރުނީއެވެ. ދުވަހުގެ ގައުމީ ބަތަލަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. މަޝްހޫރު ދޮންބަންޑާރައިންނެވެ. މިއީ އެ ޖިހާދަކުން ދިވެހީން ފިލާވަޅު ލިބިގަނެ ހިތްވަރުވެސް ލިބިގަންނަންޖެހޭ ޖިހާދެކެވެ. މިދުވަސް ގައުމީގޮތުން ފާހަގަކުރުމުގެ ހިކުމަތަކީވެސް އެއީއެވެ. އެހެންނަމަވެސް ދޮންބަންޑާރައިންނަށް ނިސްބަތްކުރުމުގެ ނަމުގައި މިދުވަހަށް ހުރަވީދުވަހޭ ކިޔައި ނަންދީ ހުރަވިއްޔަތުގެ ޒިކުރާ އައުކުރާ ދުވަހަކަށް ވަނީ ހަދައިފައެވެ. ހުރަވިއްޔަތާއި ދޮންބަންޑާރައިންގެ ޖިހާދަކާ އެއްވެސް ގުޅުމެއްނެތެވެ. ތަންކޮޅެއްފަހުން ހުރާގޭ މުހައްމަދު މަނިކުފާނު ގެނައި ހަރާމް ބަޣާވާތަކުން ވެރިކަން ފުރޮޅާލައި، ހުރަވީންގެ ރަސްކަމެއް ފަށައި، އެރަސްކަން ގިރިޓީ ކުރުމުގެ އެދުމުގައި ދޮންބަންޑާރައިންނާ ހުރަވިއްޔަތު ގުޅުވަނީއެވެ.
ހޮޅިން ފައްސައިލެއްވުމަށްފަހު އެއްވެސް ހާލެއްގައި ދޮންބަންޑާރައިން ހުރަވީ ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވި ރަސްކަމަކީ އޭގެކުރިންވެސް އޮތް ދިޔަމިގިލީ ޚާންދާނުގެ ރަސްކަމެވެ. ދޮންބަންޑާރައިންނަށްފަހު ދެން އެރަދުންގެ ވަސިއްޔަތާ އެއްގޮތަށް ރަސްކަމަށް އިސްކުރެވުނީވެސް ދިޔަމިގިލީ ޚާންދާނުގެ ބޭފުޅެކެވެ. ޣިޔާޘުއްދީނު ރަދުންނެވެ. ދޮންބަންޑާރައިން ވަސިއްޔަތް ކުރައްވާފައިވާ ގޮތަށް އެރަދުންނަށް ވަކި ޒިޔާރަތެއް ހެދުމުގެ ބަދަލުގައި ދިޔަމިގިލީ ރަސްކަލެއްގެ ޒިޔާރަތުގެ ތެރޭގައި ފަސްދާނުވެޑުވުމުންވެސް ސާފުވެ އެނގިގެން ވަނީ އެރަދުންނަކީ ދިޔަމިގިލީ ދަރިކޮޅުގެ ފަރާތުން ރަސްކަންކުރެއްވި ރަސްކަލެއް ކަމެވެ. ހޮޅީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޖިހާދަކީ ދިވެހިރާއްޖެއާއި ދިވެހި ރަސްކަމަށް ވަފާތެރި ޚާދިމެއްގެ ގޮތުގައި ކުރެއްވި ޖިހާދެކެވެ. ދިޔަމިގިލީ ރަސްކަމުގެ ވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން މުލީގޭ ދޮން ހަސަން މަނިކުފާނު ކުރެއްވި ޖިހާދެކެވެ.
އެހެންވީމާ މިދުވަހަކީ ހަގީގަތުގައި ހުރަވީންނާއި ހުރަވިއްޔަތާ ބެހުން ހުރި ދުވަހެއް ނޫނެވެ. މިއީ ދިޔަމިގިލީ ރަސްކަމުގެ ފަޚުރުވެރި ދުވަހެކެވެ. މިދުވަހާއި ހުރަވީންނާއި ގުޅުވައިގެން ހުރަވީ ދުވަހޭ ކިޔައި ނަންދިނުމަކީ ހުރަވީންގެ ސިޔާސީ ދެބޯގެރި ދުއްވުމެކެވެ. ތާރީޚު އޮޅުވައިލުމެކެވެ. ތެދެކެވެ. ދޮންބަންޑާރައިންނާއި ހުރަވީން ވަނީ ޚާންދާނީ ގޮތުން ގުޅިފައެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ހުރަވީ ޚާންދާނުގެ ޒިކުރާގައި ދޮންބަންޑާރައިން ފިޔަވައި ރީއްޗަށްވުރެ ހުތުރު ގިނަވެގެންވާކަމެވެ. ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ގެންނަން ޖެހޭނަމަ އެދުވަހެެއް ވާންޖެހޭނީ ދިވެހީންގެ ޖިހާދާއި ދިވެހީންގެ ނަސްރާ ގުޅުމެއް ނެތް ދުވަހަކަށެވެ. އެފަދަ އެއްދުވަކީ 16 ޑިސެމްބަރު 1887 އެވެ. އެއީ ހުރަވީން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ތަބަކަށް ލައިފައި އިނގިރޭސީންނާ ހަވާލުކޮށް ދިވެހިންގެ ސިޔާދަތު އަނދިރިވީ ދުވަހެވެ. އާނއެކެވެ. އެއީ ހުރަވީންގެ ސަބަބުން އަނދިރިވީ ދުވަހެވެ.
މިޒާތުގެ ވާހަކަތަކަކީ ހުރަވީންގެ އާރާއިބާރު އޮތް ޒަމާނުގައި ހުއްދަ ވާހަކަތަކެއް ނޫނެވެ. އެބާރު މިހާރަކު ނެތެވެ. އެހެންވީމާ މިއީ ތާރީޚު އޭގެ އަސްލަށް ރުޖޫއަ ކުރުމުގެ ޒަމާނެވެ. ތާރީޚުން ހިރަފުސްފޮޅައި ސާފުކޮށް ހަގީގަތް ހާމަކުރުމުގެ ޒަމާނެވެ. އިހު ކަންކަން އޮތީ މިހެނަކުން ނޫނެވެ. އިހު އޮތީ ވައިއެޅުވުމުގެ އޮއިވަރެވެ. ކަންކަން ފަހިކޮށްގަތުމަށް އޮންނަ މަގަކީ ހުރަވީންނަށް ޚުޝާމަދުކުރުމުގެ މަގެވެ. ޚާއްސަކޮށް އަތިރީގޭ ހުސައިން ދޮށިމޭނާގެ ފަޅި ވީހާވެސް ބޮޑަށް ގިރިޓީކޮށް ސަނާކިޔުމުގެ މަގެވެ. އޭރު ކަންކަން އޮތްގޮތުގެ މިސާލު ތިރީގައި މިވާ ޅެމުން އެކަނިވެސް މޭރުންވާނެއެވެ. މަޝްހޫރު ޅެންވެރިޔަކު 1950ގެ އަހަރުތަކުގެ ތެރޭގައި ކިޔުއްވިއެވެ. "ޝައްކެއްނެތޭ އަތިރީގެއިން ގުރަހައިގެ ހަތް ތަރިއޭ އެރީ، ޝައްކެއްނެތޭ ހަތްވަނަ ތަރިން ބެބުޅުން އިތުުރުވެފަޔޭ ވަނީ، އަތިރީގެއިން އެރި ތަރިތަކަށް ފަނޑުކަން ދެވޭތޯ އުޅުމެކޭ، މަތިހަށި ނަގައިގެންހުރެ އިރަށް ދުނިޖެހުމެކޭ އެއްފަދަވަނީ"
ޅެންވެރިޔާ އެވިދާޅުވަނީ މިހެންނެވެ. މި ހަތްތަރިންގެ ތެރެއިން ތަރިއެެއް ފަނޑުކުރަން އުޅޭ މީހާގެ މިސާލަކީ މެންދުރުގެ އިރު ފަނޑުކުރަން އުޅޭ މީހާގެ މިސާލެވެ. މަތިހަށި ނަގައިގެން އިރަށް ދުނިޖަހަން އުޅެ ބޯކޮޅު ވަތަށް އިދިފުށަށް ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ޅެންވެރިޔާ އިޝާރާތް ކުރައްވާ ގުރަހައިގެ ހަތް ތަރިންނަކީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނު، އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، އަބްދުލްހަމީދު ދީދީ އަފަންދީ، މުހައްމަދު ފަރީދުލްއައްވަލު، ހަސަން ފަރީދު ދީދީ، އަދި މުހައްމަދު އަމީނެވެ. މިއީ ހައްތާވެސް އަތިރީގޭ ބޭފުޅުންނެވެ. ހުސައިން ދޮށިމޭނާގެ އައުލާދެވެ. މިއީ ދޮންބަންޑާރައިންގެ އައުލާދެއް ނޫނެވެ. ހުސައިން ދޮށިމޭނާއަކީ ހުރާ ބޮޑުމުރީދުގެ ހުސައިން މަނިކެވެ. މި ހުސައިން މަނިކާ އެއްބަނޑު މީހަކާ ދޮންބަންޑާރައިންގެ ދަރިކަލުން ހަސަން ނޫރައްދީނު އެއްވަނަ ކައިވެނި ބައްލަވައިގެން މީނާޔަށް ދޮށިމޭނާކަން ދެއްވީއެވެ.
ގުރަހައިގެ ހަތް ތަރިންގެ ގޮތުގައި ޅެންވެރިޔާ އިޝާރާތްކުރައްވާ ފުރަތަމަ ތަރިޔަކީ އިބްރާހިމް ދޮށިމޭނާ ކަމަށްވާއިރު މި ހުސައިން މަނިކަކީ އިބްރާހިމް ދޮށިމޭނާގެ މުނިކާފައެވެ. ދެން ފަހަތަށް އަންނަ ހަ ތަރިންނަކީ އިބްރާހިމް ދޮށިމޭނާގެ ތިން ފިރިހެން ބޭފުޅުންނާއި އޭގެ ތެރެއިން ދެ ބޭފުޅެއްގެ ބޭފުޅުންނެވެ. އިބްރާހިމް ދޮށިމޭނާގެ ކާފަޔަކީ ހުސައިން މަނިކުގެ ދޮން އަހުމަދު ދީދީއެވެ. މިއީ ދޮންބަންޑާރައިންގެ ކާފަދަރިކަލުން މުއީނުއްދީނު އެއްވަނަ ގަތުލުކުރާން ކަތިވަޅި ހިފައިގެން ބޮޑު ގަނޑުވަރަށް ވަދެ އެކަން ކާމިޔާބުނުވީމާ އޮޑިއެއް ކަނޑައިގެން އަރިއަތޮޅުގެ ރަށްރަށަށް އަރައި ލޫޓުވައިގެން ރާއްޖެއިން ބޭރަށް ދިޔަ ކަމަށް ތާރީޚުގައި މަޝްހޫރުވެގެންވާ މީހެކެވެ. އިބްރާހިމް ދޮށިމޭނާއަކީ މަޝްހޫރު ބޮޑު ހުޅުގެ ބާނީއެވެ. އަހުމަދު ކުޑަ ދޮށިމޭނާއަކީ ދިވެހިރާއްޖޭގެ މިނިވަންކަން އިނގިރޭސީންނާ ހަވާލުކުރުމުގެ މޭސްތިރިއެވެ. ހަސަން ފަރީދަކީ ފޮތްތައް އަންދައި ކިޔެވުން މަނާކުރި މީހާއެވެ. ސަހަލު އެއްތަރިވެސް ނެތީއެވެ.