ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރަން ނިންމާފައިވާ ކަމަށް ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެރަށުގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އެފަދަ އުޅަނދުތައް ބަލައި ސާވޭ ރިޕޯޓް އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ސުންބޯޑުގައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަމަށެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "ވަން" އަށް ވިދާޅުވީ ޓޯކުރަން ނިންމާފައިވަނީ ގަވާއިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ޕާކުކޮށްފައި ހުރި އުޅަނދުތައް ކަމަށެވެ. ނަމަވެސް އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާނެ ދުވަހެއް ވިދާޅެއްނުވެއެވެ.