މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ހިދުމަތާ އަލަށް 113 އޮފިސަރަކު ގުޅިއްޖެއެވެ.
މާފުށި ޖަލުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ 26 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އެވެ.
އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗުގެ ތަމްރީން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. ތިން މަސް ދުވަހުގެ މި ތަމްރީނުގައި 118 މީހަކު ބައިވެރިވި ނަމަވެސް ތަމްރީން ފުރިހަމަ ކުރެވުނީ 113 މީހެކެވެ.
މުޅި ޕްރޮގްރާމުގެ އެންމެ ދުޅަހެޔޮ ސިއްހަތަކާއި ބުންވަރު ހުރި ނުވަތަ "ފިޓެސްޓް" ފިރިހެން އަދި އަންހެން އޮފިސަރުން ވަނީ ހޮވާފައެވެ. އެގޮތުން އެންމެ ފިޓެސްޓް ފިރިހެން އަދި އަންހެން އޮފިސަރަށް ހޮޮވުނީ ޕްރައިވެޓް އިބްރާހިމް ރިސްފާން އާއި ޕްރައިވެޓް ރައުދާ މޫސާ ފަތުހީއެވެ. އަދި މުޅި ޕްރޮގްރާމުން އެއްވަނަ، "ބެސްޓް އޯލް ރައުންޑް"ގެ ލަގަބު ކާމިޔާބުކޮށްފައި ވަނީ ޕްރައިވެޓް އިބްރާހިމް އިމްރާނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޕްރިޒަން ރިފޯމްކުރުމުގެ މަސައްކަތް ފަށައިގަތީ ތިން ކަމަކަށް ބަލައިގެން ކަމަށާއި ފުރަތަމަ ކަމަކީ ޕްރިޒަން އޮފިސަރުން ރެކްރޫޓްކޮށް ފުރިހަމައަށް ތަމްރީންކުރުން ކަމަށެވެ. އަދި ދެވަނަ ކަމަކީ ޖަލުތަކަށް ބޭނުންވާ ފުރިހަމަ އިންފްރާސްޓްރަކްޗާ ގާއިމުކުރުން ކަމަށާއި ތިން ވަނަ ކަމަކީ އެކަމަށް ބޭނުންވާ ފުރިހަމަ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ފުރިހަމަކުރުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 241 އޮފިސަރުން ނޫނީ ގާތްގަނޑަކަށް 30 ޕަސެންޓް އޮފިސަރުން އިތުރުކުރެވުނު ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު އޮފިސަރުން ހޯދައި، 40 ޕަސެންޓަށް އަދަދު އިތުރު ކުރައްވާނެކަމަށެވެ. އަދި އޮފިސަރުން ތަމްރީން ކުރުމަށް އިސްކަންދެއްވާކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މިއީ އެމްސީއެސްގެ ހަޔާތުގައި ތާރީހީ އަދި އުފާވެރި ރެއެއް ކަމަށާއި މިހާތަނަށް ތަމްރީން ހިންގުނު އެންމެ ބޮޑު ބެޗް ކަމަށެވެ. އަދި މީގެ ކުރިން ނުކުރާ އެތައް ކަމެއް ކޮށްފައިވާނެ ކަމަށާއި މުވައްޒަފުން ހޯދުމަށް އެއް ވަގުތެއްގައި އެހެން ޔުނީފޯމް އެޅި މުވައްސަސާތަކާ ވާދަކުރަންޖެހި، ވަޒީފާގެ މާހައުލަށް ނުކުމެ ވަރަށް މަސައްކަތް ކޮށްގެން މުވައްޒަފުން ހޯދަން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެމްސީއެސްގެ ސީނިއާ ލީޑާޝިޕް ހިމެނޭ ގޮތަށް ރާއްޖޭގެ އަތޮޅުތަކަށް ގޮސް ކައުންސިލްތަކާ ބައްދަލުކޮށް، ރައްޔިތުންނާއި ވަކިވަކި ޖަމިއްޔާތަކާ ބައްދަލުކޮށް ގޭގެއަށް ގޮސް މި މުހިއްމު މަސައްކަތާ ގުޅޭނެ މީހުން ހޯދުމަށް އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ. އަދި ޝައުގުވެރިކަން އުފެއްދުމަށް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ތަފާތު ގިނަ މަސައްކަތްތަކެއް އެމްސީއެސްގެ މީޑިއާ ޓީމުން ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި ތަމްރީން ހިންގުމަށްޓަކައި ކުޑަ ވަގުތުކޮޅެއް ތެރޭގައި ގިނަ ކަންތައްތައް ކުރެވުނު. އޭގެ ތެރޭގައި މާފުށީ ޖަލުގެ އެހީތެރިކަމާއެކު 70 އަށްވުރެއް ގިނަ ރެކްރޫޓުން އެކޮމަޑޭޓް ކުރެވޭ ޓްރޭނިން ބެރެކްސްއެއް އެޅުމާއި އެމްސީއެސްގެ ސިޔާސަތު ރެކްރޫޓުންގެ މެދުގައި އަށަގަތުމުގެ ގޮތުން އައިކޯސްޓުން އިންސްޓްރަކްޓާ ޓްރޭނިން ކޯސް ކުރިއަށް ގެންދިޔަ," އޭނާ ވިދާޅުވިއެވެ.
އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މި ތަމްރީން ޕްރޮގުރާމަކީ ގާނޫނު، ޕްރިޒަން އޮފިސަރެއް ވަޒީފާ އަދާކުރުމަށްޓަކައި ފުރިހަމަކުރުން ލާޒިމު ޓްރޭނިންއެއް ކަމަށާއި މިއީ އައިކޯސްޓުން ހިންގާ އެންމެ މުހިންމު އެއް ޓްރޭނިން ކަމަށެވެ. އަދި މި ޓްރޭނިން ސްޓްރީމްލައިންކޮށް، މި ތަމްރީނަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަސައްވަރުކުރާ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު