ގަތަރު ވޯލްޑް ކަޕް 2022 އަށްފަހު އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށްފިއެވެ.

އާސެނަލްގެ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލުން ފަހަތުން އަރައި ވެސްޓް ހަމް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލުން ޖެހި ތިން ގޯލް، ފަހު ހާފުގެ ފުރަތަމަ 20 ވަރަކަށް މިނެޓް ތެރޭގައި ފެނިގެން ގޮސްފައިވާ އިރު، މެޗުން ހޯދި ތިން ޕޮއިންޓާއެކު އާސެނަލް ވަނީ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ.

އާސެނަލުން މިހާތަނަށް ލީގުގައި ކުޅުނު 16 މެޗުން 40 ޕޮއިންޓް ހޯދައި އެއްވަނައިގައި އޮތް އިރު، ރޭ ލެސްޓާ ސިޓީ ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދި ނިއުކާސަލް ދެވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީން އާސެނަލަށްވުރެ ދެ މެޗު މަދުން ކުޅެ ތިންވަނައިގައި އޮތީ 14 މެޗުން 32 ޕޮއިންޓާ އެކުގައެވެ.

ރޭ އާސެނަލުން ކުޅުނު މެޗު ފެށިގެން އެ ޓީމުން ކޮންޓްރޯލްގައި ކުޅެމުން ދަނިކޮށް ވެސްޓް ހަމުން ލީޑު ނެގީ ޕެނަލްޓީއެއްގައެވެ. ކުޅުމުގެ އޮއިވަރާ ދެކޮޅަށް ވެސްޓް ހަމްއަށް ލީޑު ނަގައިދިނީ ސައީދު ބެންރަހްމާއެވެ. ބެންރަހްމާ ފޮނުވާލި ޕެނަލްޓީއާއެކު ވެސްޓް ހަމްއިން ލީޑު ނެގި އިރު، އެ ޕެނަލްޓީއަކީ އާސެނަލްގެ ވިލިއަމް ސަލީބާ، އޭރިއާ ތެރެއިން ޖެރޮޑް ބޮވެންއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ބްރެޒިލްއާއެކު ވޯލްޑް ކަޕަށް ގޮސް ކުޅުނު މެޗެއްގައި އަނިޔާވި ގެބްރިއަލް ޖީސަސްއާ ނުލައި ރޭގެ މެޗަށް ނުކުތް އާސެނަލުން ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތުގައި ގިނަ ފުރުސަތުތަކެއް ބޭކާރުވެގެން ދިޔަ އިރު، އެ ޓީމަށް ދިރުން ލިބުނީ ދެވަނަ ހާފުގައެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 53 ވަނަ މިނެޓުގައި އާސެނަލުން ނަތީޖާ ހަމަހަމަ ކުރިއެވެ. މާޓެން އޮޑެގާޑް ގޯލަށް ފޮނުވާލަން ޖެހި ބޯޅަ މިސްރާބު ބަދަލުވެގެން ބުކަޔޯ ސަކާއަށް ލިބުނު އިރު، އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި، މެޗު އެއްވަރުކުރިއެވެ.

އެ ގޯލަށް ފަސް މިނެޓް ފަހުން އާސެނަލުން ލީޑު ނެގިއެވެ. އެ ގޯލަކީ ބްރެޒިލްގެ މިޑްފީލްޑަރު ގެބްރިއަލް މާޓިނެލީ، ވެސްޓް ހަމްގެ ގޯލްގައި ހުރި ލޫކަސް ފަބިއާންސީ ކައިރިން ހަނި އޭންގަލަކުން ވައްދާލި ގޯލެކެވެ. އާސެނަލުން ތިން ޕޮއިންޓް ޔަގީންކުރީ މެޗުގެ 69 ވަނަ މިނެޓުގައި އެޑީ އެންކެޓިއާ ޖެހި ގޯލުންނެވެ. އެންކެޓިއާއަކީ ރޭގެ މެޗަށް ޖީސަސްގެ ބަދަލުގައި ނުކުތް ފޯވަޑެވެ.