Close
ޚަބަރު

ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޕީޕީއެމް ޕީއެންސީ ލީޑަރުން ކަރެކްޝަނަށް

އިބްރާހިމް ޒަކީ

ވ. އާރަށުގެ މައްސަލައިގައި އިއްޔެ ކުރި 11 އަހަރުގެ ޖަލު ހުކުމް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ޕީޕީއެމް އާއި ޕީއެންސީގެ އިސް ލީޑަރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންފިއެވެ.

ޕީޕީއެމުން ބުނީ، އެބޭފުޅުން ކަރެކްޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދުމުގެ އިތުރުން އެމަނިކުފާނަށް ހަމަޖައްސަން ޖެހޭ ބައެއް އިންތިޒާމުތަކާބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެކަމަށްޓަކައި ކަރެކްޝަނަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ރައީސް ޔާމީން ނެތުމުން ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރޝިޕް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ސުޖާއު ހިމެނިވަޑައިގަންނަވައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އާރަށު މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑާ ކުރުމުގެ ދައުވާއެވެ.

އޭގެ ތެރެއިން ރިޝްވަތުގެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކޯޓުން ހުކުމްކުރީ އަދަބުގެ މިންވަރު އެއް ދަރަޖަ އިތުރުކުރުމަށްފަހުއެވެ. އެއީ އެ ކުށް ހިންގެވި އިރު، ޔާމީނަކީ ރައީސްގެ މަގާމުގައި ހުންނެވި ފަރާތަށްވާތީ އާއި އެ ކުށުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވެފައިވާތީ ކަމަށް ހުކުމުގައި ބުންޏެވެ.

މަނީލޯންޑާ ކުރުމުގެ ކުށުގައި ޔާމީނަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމަކާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންވާނެ ކަމަށް ވެސް ހުކުމުގައި ވެއެވެ.

އެ ކުށުގެ އަސާސީ އަދަބަކީ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޔާމީނަށް ހުކުމްކުރީ އަދަބުގެ މިންވަރު އެއް ދަރަޖަ ބޮޑުކުރުމަށްފަހުއެވެ. އެއީ އެމަނިކުފާނު ކުށް ކުރެއްވި އިރު، ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވުމުންނާއި ކުށް ކުރައްވާފައިވަނީ ފައިދާ ހޯއްދެއްމުގެ ބޭނުމުގައި ކަމަށް ވުމުންނާއި ޔާމީން ކުރެއްވި އެ ކުށުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވެފައިވާތީ ކަމަށް ހުކުމުގައި ބުނެއެވެ.