ޚަބަރު

ކުޅުދުއްފުށި ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ 98 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހދ. ކުޅުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫއުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށް, އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި, އެމްޓީސީސީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 18، 2021ގަ އެވެ. މިއީ ޖުމުލަ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން މިއަދު ބުނީ, އޯޕީޑީ އިމާރާތުގެ ސިވިލް މަސައްކަތާއި އެއާ ކޮންޑިޝަން ހަރުކުރުމާއި ފިނިޝިން މަސައްކަތްތަކާއި ފަރުނީޗަރު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބަލިމީހުން ބަލާ 23 ކޮޓަރި ހަދާފައިވާއިރު, އިމާރާތް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާނެ ދުވަހެއް އަދި ނުބުނެއެވެ.