ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 25 އަހަރަށް ޖަލަށް ލާފައިވާ އެކުއްޖާގެ މުނި ކާފަގެ މައްޗަށް، އެހެން ކުއްޖެއްގެ ކައިރީގައި ޖިންސީ އަމަލެއް ހިންގަން އެދުނު މައްސަލައެއް ސާބިތުވެ، ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ޖެނުއަރީ، 2020 ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެކުއްޖާގެ މުނި ކާފަ ހަސަން މޫސާދީދީގެ އިތުރުން އެކުއްޖާގެ ކާފަ ވެސް ވަނީ 25 އަހަރަށް ޖަލަށް ލައިފައެވެ.

ހަސަން މޫސާދީދީއަށް ދޮޅު މަހުގެ ހުކުމެއް ކުރީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މަގުމަތީގައި ކުޅެން ހުރި ކުޑަ ކުއްޖަކަށް ފައިސާ ދީގެން އެކުއްޖާ އޭނާގެ ކޮޓަރިއަށް ގޮސް ޖިންސީ މުއާމަލާތެއް ހިންގަން އެދުނު މައްސަލައިގައެވެ.

އުމުރުން 82 އަހަރުގެ ހަސަން ދީދީގެ މައްޗަށް އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ގާނޫނުލް އުގޫބާތުގެ ދަށުން، ޖިންސީ މުއާމަލާތެއް ހިންގަން އެދުނުކަމުގެ ދައުވާ ސާބިތުވުމުންނެވެ.