ހދ. ނޮޅިރަމުގައި މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދު މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ނިޝާމާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާ ކަމަށާއި ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން ކަަމަށެވެ.

ނޮޅިވަރަމުގައި މިމަހުގެ 10 ވަނަ ދުވަހު މަރާލާފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފައިވަނީ މިއަދުއެވެ. އަދި އޭނާގެ ޖަނާޒާ މިރޭ މަޣްރިބު ނަމާދަށް ފަހު ވަނީ ބާއްވައިފައެވެ.

ނިޝާމާ މަރާލި ކަމަށް ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. ނިޝާމާ މަރުވެފައި އޮއްވައި ފެނުނު ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފައިސަލް ހައްޔަރުކޮށްފައިވާ އިރު، ފައިސަލް ވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅެފައެވެ.

ފައިސަލް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ސީރިއަސްއެވެ. އޭނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިމަހުގެ 19 ވަނަ ދުވަހު ވަނީ މަރުވެފައެވެ.