އަންނަ ޖެނުއަރީ މަހުގެ 29 އިން ފެށިގެން ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނިން މިއަދު ނިންމައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު ބްރޯޑްކޮމުން ނެރުނު ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. ދިރާގުގެ 52 ޕަސެންޓް ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކުންފުނި، ޓެލްކޯއެވެ.
ބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން ބްރޯޑްކޮމުން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އެ ކުންފުންޏަށް އަންގައިފައެވެ. އެ ގަވާއިދާއެކު ދިރާގު ޓީވީއަށް 2013 ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން ވަނީ މަޖުބޫރުވެފައެވެ.
ދިރާގުޓީވީގެ ހިދުމަތާ ގުޅޭގޮތުން އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ލާޒިމްކޮށްފައިވާތީ، އަންނަ މަހުގެ 29 ވަނަ ދުވަހު ދިރާގު ޓީވީ އަދި ދިރާގުޕްލޭ ހިދުމަތް ފޯރުކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ދިރާގުން ބުނީ ގަވާއިދަށް ގެނައި ކުއްލި ބަދަލާ ގުޅިގެން އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއް ނެތި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ހިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސް އާވާނެކަމުގެ ޔަގީންކަން ނެތުމުން، ޕްލޭންތަކާ އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންތަކެއް ވެފައިވާ ކަމަށް އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާކުގައި ބުންޏެވެ.
"ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ކުންފުންޏާއި ހިއްސާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ހިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފަ. ދިރާގުން މި ނިންމުން ނިންމަން ޖެހުނީތީވެ ނުހަނު ހިތާމަކުރާ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދެމެވެ." އެބަޔާނުގައިވެއެވެ.
ދިރާގުން އިތުރަށް ބުނީ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ ސަން ސިޔާމް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާ އެކު މަޝްވަރާކުރުމަށްފަހު ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އަދި އާ ރީބްރޯޑްކާސްޓަރުގެ ހިދުމަތަށް ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާ އެކު ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ސަން ސިޔާމް ނެޓްވޯކަކީ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއެކެވެ. އެކުންފުންޏަށް މިފަހުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބިފައެވެ.
ދިރާގުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ހިއްސާ ކުރާނެ ކަމަށެވެ.
ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ހިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާ އެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ 85 އިންސައްތަ ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު