މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ އާއި މާލޭގެ 10 ސަރަހައްދެއްގައި ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި 933،430 ރުފިޔާވެސް މި އޮޕަރޭޝަނުގައި އަތުލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ހިންގާ ކަންކަން ހުއްޓުވުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މަހުގެ ކުރީކޮޅުވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.