ހދ. ނޮޅިވަރަމުގައި މިމަހުގެ 10 ވަނަ ދުވަހު މަރާލާފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ރާއްޖެ ގެނެސްފިއެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އޭނާގެ ހަށިގަނޑު މިވަގުތު އޮތީ އެއާޕޯޓުގައެވެ.

ނިޝާމާގެ ޖަނާޒާ މިއަދު ބޭއްވުމަށް އާއިލާއިން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނިޝާމާ މަރާލި ކަމަށް ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. ނިޝާމާ މަރުވެފައި އޮއްވައި ފެނުނު ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފައިސަލް ހައްޔަރުކޮށްފައިވާ އިރު، ފައިސަލް ވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައި ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅެފައެވެ.

އެކަމާ ގުޅިގެން ފައިސަލަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިމަހުގެ 19 ވަނަ ދުވަހު ފައިސަލް ވަނީ މަރުވެފައެވެ.