ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދާންދޫއަށް ވަޑައިގެން އެ ރަށަށް އަލަށް އިތުރުކުރި ބިން ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިދިޔަ މަސްވެރިންގެ ދުވަހު މަސްވެރިންގެ ފަރާތުން ލިބުނު ޝަކުވާތަކުގެ ތެރޭގައި ކްރެޑިޓަށް ތެޔޮ ނުލިބުމާއި ބޭނުންވާ ވަރަށް ތެޔޮ ނުލިބުމުގެ ޝަކުވާ ލިބިވަޑައިގެން ކަމަށެވެ.
"މިހާރު އެސްޓީއޯއިން އެ އިންތިޒާމުކުރާ ގޮތަށް، އެކަން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާއިރުގައި، މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ލިބި އަދި ކްރެޑިޓް ފެސިލިޓީއަކާއެކު އެކަން ހަމަޖެހިގެންދާނެ ވާހަކަވެސް މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ދާންދޫގައި މި ވަގުތުވެސް 12 ޕްރޮޖެކްޓެއް ސަރުކާރުން ހިންގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދާންދޫއަކީ ފައިސާ ވަންނަ ރަށެއްކަމުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އެ ރަށަށް ބޭންކިން ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދާންދޫއަކީ ބޮޑެތި މަސްދޯނިފަހަރު ގެންގުޅޭ ރަށަކަށްވަތީ، އެ ރަށުގައި ދޯނިއެހެލާ ސްލިޕްވޭއެއް ނުވަތަ މަރާމާތު ކުރެވޭނެ ތަނެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ދާންދޫ ސިއްހީ މަރުކަޒު ބޮޑުކުރުމަށް ބޭނުންވާ ފައިސާ ހިމަނާފައިވާނެ ކަމަށާއި ދާންދޫން ބްލަޑް ބޭންކެއްގެ ހިދުމަތް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު