ޕީޕީއެމްގެ ސިޔާސީ މީހުން އިންޑިއާއަކަށް ނުވިކޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ހޯދި ހިލޭ އެހީގެ މިންވަރު މިވެރިކަމުގެ އެއް އަހަރު ތެރޭ ހޯދާފައިވާ ކަމަށް ޝާހިދު ވިދާޅުވި އިރު، މި ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ޖެހި ހިލޭ އެހީގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 11 ޕަސެންޓް ކަމަށެވެ.

އިންޑިއާއަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީގެ ގައުމެއް ނޫން ކަމަށާއި އަދި މިއީ އިންޑިއާގެ ޕްރޮވިންސެއް ނުތަވަ ސްޓޭޓެއްވެސް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުން އިންޑިއާއަށް ވިކުނަސް އިދިކޮޅު ކޯލިޝަންގެ ސިޔާސީ ލީޑަރުން އިންޑިއާއަށް ނުވިކޭނެ ކަމަށް ވިދާޅުވިއެވެ.

"މޯދީއާއި އިންޑިއާ ސަފީރު އަޑުއައްސަވާނެ. ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުން ކަލޭމެންނަށް ވިކުނަސް ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ލީޑަރުންނަށް ކަލޭމެންނަށް ނުގަނެވޭނެ. އެހެންވީމާ މިރޭވެސް ތަކުރާރުކޮށް ބުނަން އޮތް ވާހަކައަކީ އިންޑިއާ ސަރުކާރަށް ދައްކަވާ ވާހަކައެއް މި ދަންނަވަނީ އިންޑިއާގެ އަސްކަރިއްޔާ މިތަނުން ބާލާ. އެ މީހުންނަކަށް ދިވެހިރާއްޖޭގެ ކަންކަން ކުރާކަށް ޖާގައެއް ނެތޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުން އިންޑިއާ ހައި ކޮމިޝަނަރާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮޅުވާލާނެ ގޮތްތަކެއް ހޯދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.